ވަކި މީހަކަށް ތާއީދު ކުރުމާއި ނުކުރުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ރައީސަކު ކަނޑައެޅުމާ ގުޅޭ ގޮތުން އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތްކުރައްވައި ހޮނިހިރު ދުވަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި މީހަކަށް ތާއީދު ކުރުމާއި ނުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، އެމްޑީޕީން ވަނީ ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމަށް ދިވެހިންނަށް ދަސްކޮށްދީފައި ކަމަށެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކާ މެދު ޚިޔާލުތަފާތުވުންތަކެއް އުފދިފައިވަނިކޮށް މަހުލޫފު ކުރެއްވި މި ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް ސޯލިހާއި، ރައީސް ނަޝީދުގެ ޚިޔާލުފުޅު ވެސް ތަފާތުވެދާނެ ކަމަށާއި، އެއީ އެއް ބަޔަކު އަނެއް ބަޔަކަށް "ވަގަށް" ގޮވަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އެހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި ޕީއެންސީން އިން މަޖިލިސް ރައީސް ކަމަށް ތާއީދު ކުރާނީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށެވެ.
މި ބަހުސްގައި އެމްޑީޕީގެ އާންމު މެންބަރުން ގެންދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރަމުންނެވެ.