ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީ ވަނީ ނަގާފައެވެ. 65 ގޮނޑި ކާމިޔާބުކޮށް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެއް އެމްޑީޕީ މި ވަނީ ހޯދާފައެވެ. މި ކާމިޔާބު އެމްޑީޕީއަށް ހޯދިފައިވަނީ ރައްޔިތުން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ދިނުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ކެނޑިޑޭޓުން ރައްޔިތުންނަށް ވިއްކި ސިޔާސަތުތައް ރައްޔިތުން ބަލައިގަތުމުގެ ސަބަބުންނެވެ. ނަޒާހަތްތެރި، ރައްޔިތުންގެ ހައްގުތައް ހޯދައިދީ އަމިއްލަ މަންފާގެ ބަދަލުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ މަޖިލީހަށް ރައްޔިތުންނަށް ހޯދަދޭނެ ކަމަށް އެމްޑީޕީގެ ކެނޑިޑޭޓުން ރައްޔިތުންނަށް ވީ ވައުދުތައް ރައްޔިތުން ބަލައިގެންފައިވާތީއެވެ. އެހެންކަމުން މަޖިލިސް 19 ވެގެން މި ދަނީ ރައްޔިތުންގެ ބޮޑެތި އުއްމީދުތަކެއް ގުޅިފައިވާ މަޖިލީހަކަށެވެ.
ކޮންމެއަކަސް ރައްޔިތުން އެދޭ ފަދަ މަޖިލިސްއަކަށް، މަޖިލިސް 19 ހެދުމަށްޓަކައި މި ވަގުތު އެމްޑީޕީގެ ބޮލުގައި ވަނި ބޮޑު ޒިންމާއެއް އެޅިފައެވެ. އެއީ މަޖިލިސްގެ ރައީސްއަކަށް އެމްޑީޕީން ނެރޭނެ މެމްބަރަކު ކަނޑައެޅުމުގެ ޒިންމާއެވެ. މަޖިލީހުގެ ބޮޑު އަޢުލަބިއްޔަތެއް އެމްޑީޕީއަށް ލިބިފައިވާތީ، މަޖިލީހުގެ ރައީސަކަށް އަދި ނައިބް ރައީސަކަށްވެސް އަންނަނީ އެމްޑީޕީގެ މެމްބަރެކެވެ. މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ނެގުމަށް ބާއްވާ ބައްދަލުވުން އޮތީ މި މަހުގެ 27 ވަނަ ދުވަހެވެ.
މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރެއް ކަނޑައެޅުމުގެ ބައްދަލުވުން 27 ވަނަ ދުވަހު އޮންނައިރު، އެމްޑީޕީގެ ފަސް މެމްބަރަކު ވަނީ މަޖިލީހުގެ ރައީސް ކަމަށް އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި ފަސް މެމްބަރުންގެ ތެރެއިން މި ރޭހުގައި އެންމެ ވާދަވެރިކަން ބޮޑީ އަފީފް އާއި އަސްލަމް އާއި މެދުގައެވެ. ސަބަބަކީ އެމްޑީޕީގެ އެންމެ އިސްދެފަރާތުން މި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ޚިޔާރުކޮށް،ވޯޓް ހޯއްދެވުމުގެ މަސައްކަތް ފެއްޓެވުމުންނެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން މަސައްކަތް ކުރައްވަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން އަންނަނީ އަފީފް މަޖިލީހުގެ ރައީސް ކަމަށް އަފީފް ގެނައުމަށެވެ. މި ރޭހުގައި ކާމިޔާބު ލިބޭނީ ކޮން މެމްބަރެއްކަން އެނގިގެންދާނީ 27 ވަނަ ދުވަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ބައްދަލުވުމުގެ ތެރެއިން، ވޯޓް ލިބޭ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް މި ދެބޭފުޅުންގެ ތެރެއިން ވަކި ބޭފުޅަކު ޚިޔާރުކުރުމަކީ އުނދަގޫކަމަކަށް ވާނެއެވެ. ސަބަބަކީ އެމްޑީޕީގެ އެންމެ އިސް ދެބޭފުޅުން މި ކަމުގައި ވަކި ކޮޅެއް ނަގާފައި ވުމެވެ. ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން، އެ މެމްބަރުންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ ރަނގަޅަށް އަދާކުރަން އެބަޖެހެއެވެ. ވޯޓް ދޭއިރު، އެމްޑީޕީގެ އިސް ފަރާތްތަކުން ބުރަވެފައިވާ ކޮޅަށް ބެލުމުގެ ބަދަލުގައި އެ މެމްބަރެއްގެ ނަޒަރުގައި މަޖިލިސްގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ މެމްބަރަށް ވޯޓް ދޭން ޖެހެއެވެ. އެއީ ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓްގައި އެންމެ ގިނައިން ވޯޓް ލިބިވަޑައިގަންނަވާ މެމްބަރު، އެއީ މަޖިލިސްގެ ރައީސަށް ވެގެންދާނެ ކަން އެއީ މިހާރު ކަށަވަރު ކަމެކެވެ. ސަބަބީ އެމްޑީޕީއަށް މަޖިލީހުގެ އަޢުލަބިއްޔަތު ލިބިފައިވުމެވެ.
މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ނެގުމަށް 27 ވަނަ ދުވަހު ބާއްވާ ބައްދަލުވުމަކީ އެތައް ގޮތަކުން މުހިއްމު ބައްދަލުވުމެކެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މި ޒިންމާ ހެޔޮ ގޮތުގައި ނެގުމަކީ، މި ވަގުތު ރައްޔިތުން އެ މެމްބަރުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމެވެ. ޕާޓީގެ ވަކި އިސް ފަރާތެއްގެ ކޮޅު ނެގުމުގެ ބަދަލުގައި، ކަމަށް އެންމެ އެކަށީގެންވާ މެމްބަރަށް ވޯޓް ދިނުމަކީ، ތި މެމްބަރުން ރައްޔިތުންނަށް ވީ ވައުދު ފުއްދުމަށް މި ވަގުތު އެޅޭނެ އެންމެ މުހިއްމު، ފުރަތަމަ ފިޔަވަޅެއެވެ.