ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 19:21
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ޓްވިޓަރ
ފާތިމަތު ދީމާ އަލީ
ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފި
ދީމާ އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި މެޑަލް ހާސިލްކުރަމުން

ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ތައިލޭންޑްގައި ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ދީމާ އެނބުރި ރާއްޖެ އައުމުން ސަރުކާރުގެ ފަރާތުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

އެގޮތުން ދީމާ ރާއްޖެ އައުމުން އެއާޕޯޓުން ހޫނު މަރުހަބާއެއް ވިދާޅުވި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވިކަން އިއުލާން ވެސް ކުރައްވާފައެވެ.

ދީމާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ހިތްވަރުގަދަ ބެލެނެވެރިން ކަމަށްވާ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ އާއި ކޯޗު އިބްރާހިމް ޝިއުރީ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަންކަން ފާހަގަކުރައްވާފައެވެ. އަދި ދީމާއަކީ ރާއްޖެއަށް ވަނަތައް ގެނެސްދޭނެ ކުޅުންތެރިޔެއް ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދީމާގެ ތަމްރީންތަކަށް މިހާތަނަށް ހަރަދުކުރަމުން އައީ އޭނާގެ އާއިލާ އިންނެވެ. އެގޮތުން ސްކޫލް ޗުއްޓީތަކުގައި ވެސް އެކި ގައުމުތަކަށް ގެންގޮސް ތަމްރީން ޕްރޮގްރާމްތަކުގައި އައީ ބައިވެރި ކުރަމުންނެވެ.

ދީމާ ވަނީ ތައިލޭންޑްގައި ބޭއްވި މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން، މުބާރާތުގެ ކެޑޭޓް ކެޓަގަރީން ލޯ މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ މި އަހަރު ބޭއްވި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ މެމްބަރު ގައުމުތަކުގައި ބާއްވާ ރީޖަނަލް ހޯޕްސް ވީކްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

މީގެ އިތުރުން ދީމާ ވަނީ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ދީމާ ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް