Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 17:10
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރުން
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ
ޖަލްސާ އޮންނާނީ މިމަހުގެ 28 ވާ އަންގާރަ ދުވަހު ރޭ 10:30 ގައި

މަޖިލީހުގެ ރައީސާއި ނައިބު ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ އަންނަ އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 28 ވާ އަންގާރަ ދުވަހު ރޭ 10:30 ގައި މަޖިލީހުގެ ގޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައިސަކު ހޮވާނީ، އަލަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

Advertisement

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ވަނީ އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރުކަމުގެ ދެ ދައުރު ފުރުއްވާ އަދި ތިން ވަނަ ދައުރަކަށް އެ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ އެމްޑީއޭގެ މެމްބަރު އަހްމަދު އާމިރު ފާޅުކުރައްވައިފައި ވާއިރު އެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ތާއިދު ކުރައްވާ ކަމަށް އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް