Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 16:44
ފޮތް ހަދިޔާ ކުރުމުގެ ތެރެއިން
ފޮތް ހަދިޔާ ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ޖަލަށް ފޮތް ހަދިޔާ ކުރުން
ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ލީޑަރުން ޖަލަށް ފޮތް ހަދިޔާ ކުރައްވައިފި
ޖަލުގައި ހައްޔަރުވެފައި ތިބުމަކީ އުނގެނުމާއި ދަސްވުމުން މަހްރޫމުވާން ޖެހޭނެ ސަބަބެއް ނޫން

ރާއްޖޭގެ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާލާފައިވާއިރު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ލީޑަރުން ޖަލަށް ފޮތް ހަދިޔާ ކުރައްވައިފިއެވެ.

ޖަލަށް ފޮތް ހަދިޔާ ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަބްދުﷲ ރިޔާޒުއެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގައި ހައްޔަރުވެފައި ތިބުމަކީ އުނގެނުމާއި ދަސްވުމުން މަހްރޫމުވާން ޖެހޭނެ ސަބަބެއް ނޫން ކަމަށާއި މި ޕްރޮގްރާމުގައި ހަދިޔާ ކުރެވޭ ކޮންމެ ފޮތަކީ މުޖުތަމައު އިސްލާހު ކުރުމުގައި އެމީހަކު ބައިވެރިވާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ފޮތް ހަދިޔާ ކުރެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ޖަލު ގޮޅީގެ އިހުސާސް އެންމެ ރަނގަޅަށް ކުރެއްވުނީ މޭޑޭގެ މުޒާހަރާއަށް ފަހު ކަމަށެވެ. ޖަލުތަކުގައި ތިބޭ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް މިއީ ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ރިޔާޒް ވަނީ ވީހާ ވެސް ގިނަ ފަރާތްތަކުން ފޮތް ހަދިޔާ ކުރުމަށް އެދިވަޑައިގެންފައެވެ.

ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމު އަމީނިއްޔާ ސްކޫލުގައި ހަމަޖައްސާފައިވާއިރު ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފަށާފައިވަނީ މެއި 22 ވަނަ ދުވަހުއެވެ.

Advertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް ބޭނުންވެލައްވާ މަޤްސަދު ހާސިލުވެގެންދާނެ ކަމަށާއި އެކަން އިރާދުކުރެއްވިއްޔާ ކަރެކްޝަންސްގެ ތެރެއިން ފަހިވެގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ ފޮތް ކިޔުމުގެ ޝައުގުވެރިކަން ޖަލުގައި އުފައްދައި، އާންމު މައުލޫމާތާއި ހުނަރާއި ގާބިލުކަން އިތުރުކޮށް ދޭ މައުލޫމާތު ހުންނަ ފޮތްތައް ކިޔުމުގެ ފުރުސަތު ހޯދައިދީގެން ކުށުގެ ވެށިން ގިނަ ރައްޔިތުންތަކެއް ދުރުހެލި ކުރެވިދާ ކަމަށެވެ. ސަބަބަކީ ފޮތް ކިޔުމަކީ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލު ގެނެސްދޭ ކަމަކަށް ވާތީއެވެ.

އެހެންކަމުން ފޮތް ކިޔުމުގެ ތެރެއިން އަހްލާގަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަށް ސަރވިސް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެ، ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު އާންމުނަށާއި މުއައްސަސާތަކަށް ހުޅުވާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް