އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައ ނެގި ވޯޓުގައި ދެކޮޅަށް ވޯޓު ދިނީ ދިވެހި ދައުލަތުގެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއިން ވޯޓު ނުދިން ސަބަބު ބަޔާންކޮށް ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާފައި ވަނިކޮށް އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ.ގެ އާއްމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
ރާއްޖެއާއި ޗާގޯސް އާކިޕެލަގޯ އާއި ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން)ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ. އަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ."
މި ހުށަހެޅުން އދ. އަށް ފޮނުވުމާ ގުޅިގެން މޮރިޝަސް އިން ވަނީ އެހުށަހެޅުމާ ދެކޮޅު ހަދާކަން އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައި ކަމަށާއި އިން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް އދ. އިން ނިންމާފައި ނުވަނީސް، ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭ ކަމަށް ބުނެ ތާޢީދު ކޮށްފިނަމަ ދިވެހިރާއްޖޭގެ ސަރަހައްދާ ބެހޭ ގޮތުން އދ. ގެ ކަމާ ބެހޭ އިދާރާއަށް ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ސުވާލު އުފެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާ ބެހޭ ގޮތުން ނެގި ވޯޓުގައި އެއްކޮޅަށް 116 ވޯޓްދީފައިވާއިރު ދެކޮޅަށް ވޯޓްދީފައި ވަނީ ހަ ގައުމަކުންނެވެ. ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ.