Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 13:19
އައްޑޫގެ ފިހާރައެއް
އައްޑޫގެ ފިހާރައެއް
24 ގަޑިއިރަށް ވިޔަފާރި ހުއްދަ
އައްޑޫ ސިޓީގައި 24 ގަޑި އިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް ކަނޑައަޅައިފި
އައްޑޫސިޓީގެ ހަ ދާއިރާގެ ސަރަހައްދުތައް ވަނީ ކަނޑައަޅާފައި
މާލޭގައި 24 ގަޑިއިރުގެ ވިޔަފާރިކުރަން 14 ތަނަކަށް ވަނީ ހުއްދަ ދީފައި

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޭ ސަރަހައްދުތައް, އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރަން ހުއްދަދޭން އައްޑޫސިޓީގެ ހަ ދާއިރާގެ ސަރަހައްދުތައް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫ އިން 24 ގަޑިއިރު ވިޔަފާރި ކުރަން ހުއްދަ ދޭން ކަނޑައަޅާފައި ވަނީ ހިތަދޫ ބަނދަރު ސަރަހައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު އަދި ރީޖަނަލް ހޮސްޕިޓަލް ސަރަހައްދަށެވެ. މަރަދޫއިން 24 ގަޑިއިރު ވިޔަފާރިކުރަން ހުއްދަ ދޫކުރަން ކަނޑައަޅާފައި ވަނީ މަރަދޫ ބަނދަރު ސަރަހައްދު އަދި މަރަދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ.

މަރަދޫފޭދޫ އިން މަރަދޫ ފޭދޫ ބަނދަރު ސަރަހައްދަށް ހުއްދަ ކަނޑައަޅާފައިވާއިރު، ފޭދޫއިން ހުއްދަ ދޫކުރުމަށް ކަނޑައަޅާފައި ވަނީ ފޭދޫ ބަނދަރު ސަރަހައްދު އަދި ފޭދޫ ސިއްހީ މަރުކަޒު ސަރަހައްދަށެވެ. ހުޅުދޫ އިން ހުޅުދޫ ބަނދަރު ސަރަހައްދު އަދި ހެރެތެރެ ޗެނަލް ސަރަހައްދު ކަނޑައަޅާފައިވާއިރު، މީދޫ އިން ކަނޑައަޅާފައި ވަނީ މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްހީ މަރުކަޒު ސަރަހައްދު އަދި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދަށެވެ.

Advertisement

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަނޑިއިރު ވިޔަފާރިކުރަން ހުއްދަދޭ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުން ފުއްދުމަށް ވިއްކާ ތަކެތި ކަމަށެވެ. މިނިސްޓްރީން ބުނީ 24 ގަނޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަންތަނުގައި ޝަރުތު ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށް ފަހުގައި ކަމަށެވެ.

ސައުވީސް ގަނޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތައް ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖއްސައި ބަހައްޓަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސައުވީސް ގަނޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށައަޅާ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާންޖެހެއެވެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަނަވާނެއެވެ.

މާލޭގައި ސައުވީސް ގަޑިއިރުގެ ވިޔަފާރިކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ 14 ތަނަކަށް ހުއްދަ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް