ރ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:15 އިން ފެށިގެން ގޮސް ހަވީރު 04:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ރ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށެވެ. އަދި ވިލާނގަޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ. އަދި ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.