ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުމަށް ބާއްވާ ބައްދަލުވުން 27 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލިސްގެ ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުމަށް ބާއްވާ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ ބައްދަލުވުން އޮތީ 27 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ވަނީ އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ތިމަރަފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.
ފަސް މެމްބަރުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ އަސްލަމް އާއި އަފީފާއި މެދުގައެވެ.
މަޖިލިސްގެ ރައީސް ކަމަށް ވިލިފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ އަފީފަކީ އެކަމަށް، އެންމެ އެކަށީގެންވާ އެއް ބޭފުޅާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ވިދާޅުވެފައެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އަފީފް މަޖިލިސްގެ ރައީސް ކަމަށް ގެންނަވަން މަސައްކަތް ކުރައްވަމުންނެވެ.
އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ގެންދަވަނީ އަސްލަމް، މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ވެސް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.