ދީބާޖާ އިންވެސްޓްމަންޓަަށް 348 މިލިއަން ރުފިޔާ ދިނުމަށް ކުރި ހުކުމާ އެއްގޮތަށް، އެ ކުންފުންޏަށް ފައިސާ ދައްކާނެ ގޮތް ސިވިލް ކޯޓަށް ހުށަހަޅަން ދައުލަތުން އެއްބަސްވެއްޖެއެވެ.
ދައުލަތުން އެގޮތަށް އެއްބަސްވެ، ފައިސާ ދައްކާނެ ގޮތް ކޯޓަށް ހުށަހެޅާނެ ކަމަށް ބުނެފައި ވަނީ ސިވިލް ކޯޓުގައި ކުރިއަށްދާ ހުކުމް ތަންފީޒު މަރަހަލާގެ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
ހުކުމް ތަންފީޒު ކުރުމުގެ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި އެދިފައިވާ މައްސަލައާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވާހަކަ ދެއްކިއެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދެވެން ނެތް ކަމަށާއި ކޯޓަށް ފޮނުވި ސިޓީއަށް ޖަވާބުދީފައިވާނެ ކަމަށެވެ.
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމަށް އިކޮނަމިކް މިނިސްޓްރީގެ މައްޗަށް ހިންގާ އެ ޝަރީއަތުގައި ދައުލަތް ތަމްސީލު ކުރެއްވި ގާނޫނީ ވަކީލު، ސަލްވާ އަބްދުﷲ ވިދާޅުވީ ދީބާޖާއަށް ފައިސާ ދައްކާނެ ގޮތް ދެން ބާއްވާ އަޑުއެހުމެއްގައި ހުށަހަޅާނެ ކަމަށެވެ. ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ވަޑައިގެންނެވީ ދީބާޖާއަށް ފައިސާ ދައްކާނެ ގޮތް ޝަރީއަތަށް ހުށަހަޅަން ތައްޔާރުވެގެން ނޫން ކަމަށާއި އެކަމަށް ތައްޔާރުވުމަށް ދެ ހަފްތާގެ މުއްދަތު ބޭނުންވާ ކަމަށް ސަލްވާ ވިދާޅުވިއެވެ.
ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން، ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު ވިދާޅުވީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތަށް ދެން އިތުރު ފުރުސަތު ދޭން ނުފެންނަ ކަމަށެވެ. އަދި އެކަމުގައި ކޯޓުން ފެންނަ ގޮތަކަށް ގޮތެއް ކަނޑައަޅައި، ފައިސާ ދައްކަންޖެހޭ މުއްދަތުތައް ކޯޓުން ކަނޑައަޅައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުން ދެއްކި ވާހަކަތަކަށް ރިޔާއަތްކޮށް، މައްސަލަ ބައްދަލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ ދެ ހަފްތާގެ ފުރުސަތެއް ދައުލަތަށް ދޭނަމަ، މައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވޭނީ އަންނަ މަހު ފަށާ ކޯޓުގެ ރިސެސްއަށް ފަހު ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށް ގާޒީ ފަހީމް ވިދާޅުވިއެވެ.
ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގައި ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ހިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.