ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ނިންމާލައިފިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މި ތަމްރީނުތައް ފަށާފައި ވަނީ މެއި 5 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ސިލްސިލާ ތަމްރީނުތަކުގެ ދެވަނަ ބައި ފަށާފައި ވަނީ މެއި 21 ވަނަ ދުވަހުގެ ރޭގައެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މި ތަމްރީނުތައް ފެށުމުން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އެ ތަމްރީނުތައް ފަށާފައި ވަނީ ރާއްޖެއަށް ވެސް ބަޔަކު ޓެރަރިސްޓު ހަމަލާދޭން އުޅޭކަމަށް ބުނެ ތުހުމަތުތައް ކޮށްފައެވެ. އެހެންނަމަވެސް އެ ވާހަކަތައް ދޮގުކޮށް ފުލުހުންނާއި ސިފައިން ވަނީ ބަޔާން ނެރެފައެވެ.
އެގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ފަރިތަކުރުންތަކަކީ އެއްވެސް ދިމާލަކުން ދިން އިންޒާރަކާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ސްރީލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސިފައިން އަދި ފުލުހުން ގުޅިގެން ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވާ ކަމަށާއި އެ ފަރިތަކުރުންތަކުގެ މަޤްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯރޑިނޭޝަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ފަރިތަކުރުންތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019 – 2024 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަންދީފައިވާ އޮޕަރޭޝަނަލް ރެޑިނަސްގެ ދަށުގައިވާ ކަމެއް ކަމަށެވެ.
އެމްއެންޑީއެފުން ވެސް ބުނެފައި ވަނީ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއް ނޫން ކަމަށެވެ.