ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ޕީޕީއެމްއާއި ޕީއެންސީން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިހާރަކަށް އައިސް އެންމެ ގިނަ އިން އަޑުއިވެނީ ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ވާހަކަ ކަމަށާއި، އެ މީހުންނަށް އިންސާފު ހޯދައިދޭން ބޭނުންވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޕީއެންސީ އާއި ޕީޕީއެމްގެ ލީގަލް ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ، ޓްރައިބިއުނަލްއަށް ގޮސްގެން ވަކާލާތުކޮށްދޭނެ ކަމަށެވެ. ނަމަވެސް ޓްރައިބުއުނަލްއަށް މައްސަލަ ލާނީ ވަޒީފާއިން ވަކިކުރާ މީހާ ބޭނުންވާ ނަމަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ދަފްތަރު ހެދުމުގެ މައިގަނޑު މަގުސަދަކީ މިވެރިކަން ނިމޭއިރު ވަޒީފާއިން މީހުން ކެނޑުމުގެ ކިހާވަރެއްގެ ރިކޯޑެއް ހާސިލްކޮށްފައިވާ މިންވަރު ބެލުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އިން 2023ގައި ވެރިކަމަށް އަންނާނެ ކަމަށާއި، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ ފަރާތްތަކަށް ވެރިކަމުގެ 48 ގަޑިއިރު ތެރޭގައި މުސާރައާ އެކު ވަޒީފާ ދޭނެ ކަމަށެވެ.
އަޅުގަނޑުމެން ދަފްތަރު އެކުލަވާލުމުގެ ބޭނުމަކީ އަޅުގަނޑުމެން ވަރަށް ސާފުކޮށް މިދަންނަވަނީ އަޅުގަނޑުމެން ﷲގެ ރުހުމަތާ އެކު 2023ގައި ވެރިކަމަށް އައިސް އަޅުގަނޑުމެން ސަރުކާރުން އުފެދޭތާ 48 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ވަޒީފާއިން ނުހައްގުން ވަކި ކުރި ހުރިހާ ބޭފުޅުންނަށް އެބޭފުޅުން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މުސާރައާ އެކު އެވަޒީފާއެއް އިޔާދަކޮށްދިނުން،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ފަރާތްތަކުން ހ. ހުރަފައަށް އައިސް އެމައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށާއި، ފޯމް ލިބޭނީ އޮފީހުން ކަމަށެވެ. އަދި ފޯމް ދޫކުރަނީ ވަކި ސީރިއަލް ނަންބަރުތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީފާއިން ވަކިކުރާ ކަމަށް ޕީއެންސީ އާއި ޕީޕީއެމުން ތުހުމަތު ކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސީޔާސީ ބޭނުންތަކަށް އިންތިހާބުތަކާ ދިމާކޮށް އެކި ކުންފުނިތަކުގައި އެތައް ވަޒީފާތަކެއް އުފައްދައި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން އެޗްޑީސީ ފަދަ ތަންތަނުގައި ކުންފުންޏަށް ނުކަތާ ވަރަށް ވަޒީފާތައް އުފައްދައި ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ވަޒީފާތައް ދީފައި ވެއެވެ. އަދި ނުހައްގުން އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައި ވެއެވެ. އަދި އެތައް ބަޔަކު ވަޒީފާ އަދާކުރާ ރަށް ނޫން އެހެން ރަށްތަކަށް ބަދަލުކޮށްފައި ވެސް ވެއެވެ.
މި ސަރުކާރުން ގެންދަނީ ނިމިދިޔަ ސަރުކާރުން ނުހައްގުން ވަޒީފާ އިން ވަކިކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި އެ ފަރާތްތަކަށް ވަޒީފާތައް ދެމުންނެވެ. އަދި ކުންފުނިތަކުގައި ސިޔާސީ ބޭނުންތަކަށް އުފެއްދި މަގާމުތައް ދަނީ އުވާލަމުންނެވެ.