Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 08:26
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
އޭޖީ ރިފްއަތުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ: ނިހާން
ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ
ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ ދިނުމާއި އަދި މުޅި ރާއްޖޭގެ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށާއި، ރައްޔިތުން މަޖިލިސް މެންބަރުންނަށްށާއި، އާންމު ފަރުދުންނާ ހަމައަށް ވެސް ވަކިން ޚާއްސަ ޝަހުޝިއްޔަތެއް އޮންނަ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މުޅި ދައުލަތުގެ އިތުބާރު އެ ބޭފުޅެއްގެ މަތީގައި އޮންނަން ޖެހޭ ކަމަށެވެ.

Advertisement

ނިހާން ވިދާޅުވީ މިދިޔަ ހަތަރު މަހެއްހާ ދުވަހު ކޮރަޕްޝަންގެ ތަފާތު އެކި ތުހުމަތުތައް ރިފްއަތުގެ މައްޗަށް ކުރެވިފައިވާ ކަމަށާއި، ސޯޝަލް މީޑިއާގައި އާންމުގެ ގިނަ ބަޔަކު އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަމުންދާ ކަމަށެވެ. އެގޮތުން ދީބާޖާގެ މައްސަލަ ފާހަގަކުރެއްވިއެވެ.

ދީބާޖާ މައްސަލަގަ ކުރީގެ ރައްޔިތުން މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅެއް އަލްހާން ފަހުމީ. އެބައޮތް ޓްވީޓަރގައި އިޝާރާތްކޮށްފަ ސާފުކޮށް އިބްރާހިމް ރިފްއަތަށް އެޑްރެސްކޮށް ލިޔުއްވާފަ ތިބޭފުޅާގެ ފަރާތުން ބޭފުޅަކު ވަޑައިގެން މިކަމުގައި ވަކި މިންވަރެއް އަދަދަށް ފައިސާއަށް ޑިމާންޑްކުރެއްވި ވާހަކަ. އަދަދު ވެސް އެބައޮތް،" ނިހާން ވިދާޅުވިއެވެ.

ޖީއެމްއާރް މައްސަލައަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އަދި މިހާރު ވިލިމާލެ ދާއިރާ އަށް އިންތިހާބުވެވަޑައިގެންފައިވާ އަހުމަދު އުޝާމް ކުރެއްވި ތުހުމަތުތައް ވެސް ރިފްއަތު ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކަން ނުޖެހޭ ކަމަށް އޭނާ ލަފާ ދެއްވި ކަމަށްވާ ނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. ޓެކްސް ފައިސާ މައާފްކޮށްދިނުމަށް ރިފްއަތު ލަފާއެރުއްވި ކަމަށް ދޭހަވާ ގޮތަކަށް އުޝާމް ވަނީ ޓްވީޓެއްކުރައްވާފައެވެ.

ޖީއެމްއާރްއަކީ ދިވެހިރާއްޖޭގެ ވިޔަފާރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ދިޔަ ކުންފުޏެއް. އެހެންވީމަ ދިވެހިރާއްޖޭގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ ކަމެއް ހިންގަމުންދާ މުއާމަލާތްތެރައަށް އުފެދޭ ޓެކްސްގެ ބާވަތުން ދައްކަންޖެހޭ ބައި މީރާއަށް ދައްކަން ޖެހޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން. އެއަދަދަށް ކަނޑައެޅިފައި އެބައޮތް 20 މިލިއަން ޑޮލަރު. އެއީ ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 14.4 މިލިއަން ޑޮލަރަކާ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 2.8 ޑޮލަރަކާ މީގެ ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ރުފިޔާ. ޖުމްލަ ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު ރިފްއަތު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

ނިހާން މިހެން ވިދާޅުވި އިރު އުޝާމްގެ ތުހުމަތުތަކަށް ރޭގެ ވަގުތެއްގައި ރިފްއަތު ވަނީ ޖަވާބު ދެއްވާފައެވެ. ރިފްއަތު ކުރެއްވި ޓްވީޓްގައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރްއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމަށާއި، އަބަދުވެސް ދައުލަތުގެ މަސްލަހަތު އިސްކުރައްވާ ކަމަށެވެ. އަދި ދީބާޖާގެ މައްސަލާގައި ކުރެވޭ ތުހުމަމަތުތައް ވެސް އޭނާ ކުރިން ވަނީ ދޮގުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް