ރާއްޖޭގައި އުޅޭ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ގެންދަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ގަވާއިދާ ހިލާފަށް ނުވަތަ ފިލައިގެން އުޅޭ ކޮންމެ ބިދޭސީއަކީ ހިއުމަން ޓްރެފިކިން ޝިކާރައަކަށް ވެފައި ތިބި މީހުން ނޫން ކަމަށެވެ. އޭގެ ތެރޭގައި އެކި މީހުންނަށް ދިމާވަނީ އެކި ހާލަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ޓްރާންސްޕޭރަންސީގެ ފަރާތުން ބިދޭސީ މަސައްކަތްތެރިންނަށް އެގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށާއި، ގިނަ ފަހަރު ބިދޭސީ މަސައްކަތްތެރިން ގާނޫނާ ހިލާފަށް އުޅެން މަޖުބޫރު ކުރުވަނީ އެ މީހުން ގެންނަ ފަރާތްތަކުގެ އިހުމާލުން ކަމަށެވެ.
އެ މީހުން ގެންނަ ފަރާތްތަކަށް އެ މީހުންނަށް މުސާރަ ދިނުމަށް އުޒުރުވެރިވެ އެމީހުން އެކުރާ މަސައްކަތް ކޮށްގެން އެއްވެސް ކަހަލަ މަންފާއެއް ނުލިބޭ ގޮތަށް ބިދޭސީ މަސައްކަތްތެރިންނަށް ރަށަށް ފޮނުވާނެ އެއްވެސް ފައިސާއެއް ނުލިބިގެން އެހެން ކޮންޓްރެކްޓްގައި ނެތް ނޫނީ އެހެން މަސައްކަތްތައް ކުރަން މަޖުބޫރުވަނީ. މިހެން ގޮސް މަޑުމަޑުން އެ މީހުންގެ ވިސާ ހަމަވެގެންދާއިރު ވެސް މަސައްކަތް ކުރަމުން މިދަނީ،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ މުސާރައަށް ފަރުވާ ކުޑަކުރާ ހިސާބުން ބިދޭސީ މީހާ އެ މައްސަލަ ހުށަހަޅާ ކަމަށާއި، ނަމަވެސް އެމައްސަލަ ނުބަލާ ކަމަށެވެ. އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް އެ މީހުން ދިރިއުޅެން ޖެހޭ ސަބަބުން ދެނެގަންނަން ޖެހޭ ކަމަށާއި، އެކަމުގައި އެ މީހުން ގެންނަ ފަރާތްތައް ވާއިހުމާލަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ހަމައެކަނި މިއީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން މައްސަލަ ހައްލެއް ނުވާނެ. ސަބަބަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަނީ ކޮންވެސް ބައެއް ޒިންމާވާ ގޮތަށް. އެހެންވީމަ ޒިންމާވާންޖެހޭ ފަރާތްތަކުގެ އިހުމާލު ނުބަލާ ކަމަށް ވަންޏާ ދިވެހިރާއްޖޭގެ މި މައްސަލައަށް ހައްލު ލިބިގެން ނުދާނެ،" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިގޮތުގައި ދެމި މިއޮންނަނީ ބިދޭސީ މަސައްކަތްތެރިންނާ ހުރެ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުންގެ އަދަދު މަދުކުރާ ނަމަ އެއަށް އެޑްރެސް ކުރަންޖެހޭނީ އިގްތިސާދީ ނަޒަރަކުން ކަމަށެވެ.