އާ އަހަރު ފާހަގަ ކުރުމަށް މިދިޔަ އަހަރު އަލިމަސް ކާނިވަލުގައި ބޭއްވި ޝޯއެއްގައި ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރުތައް ދެއްކި މައްސަލާގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މާފަށް އެދެން އެންގިތާ އަހަރެއް ފަހުން މާފަށް އެދިއްޖެއެވެ.
ނިވާކަން ކުޑަ ހެދުންތަކެއް ލައިގެން ނެށި މަންޒަރުތައް ޕީއެސްއެމުން ދެއްކުމުން، މާފަށް އެދެން އަންގާފައި ވަނި އެ މައްސަލަ ބެލި ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޯޑްކޮމް)އިންނެވެ.
ބްރޯޑްކޮމް އިން ބުނެފައިވާ ގޮތުން ކޮންޓެންޓު ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެ ވަނަ ހަމައިގެ އެއް ވަނަ ނަމްބަރާ ޕީއެސްއެމުން ވަނީ ހިލާފުވެފައެވެ.
އަންގާރަ ދުވަހު ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ މެނޭޖްމެންޓުން އެކަމަށް މާފަށް ނޭދި އޮތް ނަމަވެސް، މި ސަރުކާރު އިންތިހާބު ކުރެވި އެ ކުންފުނިން އައު ޑިރެކްޓަރުންގެ ބޯޑަކާއި އިސް މެނޭޖްމަންޓެއް ކަނޑައެޅުމާ ހަމައަށް ބްރޯޑްކޯމް އިން އޮތީ ހަނުކަމަށެވެ.
އެކަމަކު މިދިޔަ މަހުގެ 21 ވަނަ ދުވަހު އެކަން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ބްރޯޑްކޮމް އިން ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ވަކި ފަރާތަކަށް ބުރެވެ އޮވެގެން ކުރިން ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓާލައި، ވަކި ފަރާތަކަށް ނުޖެހި ތެދު ހަބަރާއި މައުލޫމާތު ފެތުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.