ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާ ތަފާތު އޮއިވަރުތަކުގައި ޖެހިވަައިނުގެން ގައުމާއި ރައްޔިތުން އިސްކުރެއްވުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، 19 ވަނަ މަޖިލީހަށް އިންތިޚާބުވި މެމްބަރުންނަށް ދެއްވި ތަރާވީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކި ސިޔާސީ އޮއިވަރުތަކުގައި ޖެހިވަޑައިނުގެން، ގައުމާއި ރައްޔިތުން އިސްކުރެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގެ ތެރޭގައި ހިނގާ އޮއިވަރުން ސަލާމަތްވެ އަޅުގަނޑު މި ދެންނެވި ގޮތަށް ގައުމާއި ރައްޔިތުން އިސްކޮށްގެން ކުރިއަށް ދިއުން އެއީ އަޅުގަނޑު އަލަށް ހޮވިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކިބައިން އެދޭ އެދުމަކީ
އާ މަޖިލީހަށް ވަރަށް ތަޖުރިބާކާރު ބޭފުޅުން ހޮވިވަޑައިގެންފައިވާ ކަމަށާއި، އެ މެމްބަރުން ދައްކަވާ މަގުން އެހެން މެމްބަރުން މަސައްކަތްކުރައްވައިފި ނަމަ މަޖިލިސް ވެގެންދާނީ މިހާތަނަށް ދެކޭނެ އެންމެ ރަނގަޅު މަޖިލީހަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މި މަހުގެ 28 ގައި ފަށާ އާ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ރައީސް ސޯލިހް ވިދާޅުވީ ވަކި ޕާޓީއަކަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމަކަށް ނުވެ ހިނގައިދާނެ ކަމަށާއި، ނަމަވެސް އެކަން ބިނާވެގެންދާނީ އެ މެޖޯރިޓީ ބޭނުންކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން މަޖިލީހުގައި ތަފާތު ފިކުރުތައް ދެމިގެންދާނެ. އަންނަ ވޯޓްތަކާއި ނިންމާ ނިންމުންތަކާއި. އެއަށް ވިސްނައިގެން، މި ދެންނެވި ގޮތަށް އަމިއްލަ ޒާތީ ކަންތައްތަކަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުން އިސްކޮށްގެން ހިންގާ މަޖިލީހަކަށް ވެއްޖިއްޔާ ކުރިއަށް އޮތް މަޖިލިސް ވެގެން ދާނީ އަޅުގަނޑުމެން ދެކޭ ފަދަ ރައްޔިތުންގެ މަޖިލީހަކަށް