ކ.ދިއްފުށީގައި ވައްކަން ކުރި މީހަކު ހޯދުމަށް ނުކުމެ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި މާރާމާރިއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށް ބުދަ ދުވަހުގެ ރޭ 7:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޒަހަމްވި ދެ މީހުންނަށް ދިއްފުށި ހެލްތް ސެންޓަރުގައި ފައުވާ ދިނުމަށްފަހު އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް އަނެއްމީހާ އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގެއަކުން ވައްކަން ކުރި މީހަކު ހޯދުމަށް ރަށުގެ ރައްޔިތުން ނިކުމެ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދިނީއެވެ. ޒަހަމްވި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މި ހަމަނުޖެހުމުގައި އިތުރު ބަޔަކު ވެސް ޒަހަމްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.