ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެރިން އިންވެސްޓިގޭޝަން ޔުނިޓާއި، މެރިން އޮޕަރޭޝަން ޔުނިޓާއި، އަދި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު ގުޅިގެން، މާލެ ސަރަޙައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މެއި 21ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ އުޅަނދަކީ ކަނޑުދަތުރުފަތުރު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ އަދި ދަތުރުފަތުރު ކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމުގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސަން އޮތްތޯ ބެލުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އަދި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފަހަކަށް އައިސް، ކަނޑު އުޅަނދުފަހަރުގައި ގަވައިދާއި ހިލާފަށް ބިދޭސީން އުޅެމުންދާ މައްސަލަތައް ގިނަވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.