ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ހަމަމަގަށް އެޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ޕީއެސްއެމް އިން ކޮށްފައިވާ ނޫސް ބަޔާނެއްގައި ވަނީ މި މަސައްކަތް ކުރިއަށްދާއިރު ކުންފުނި ހިންގުމުގައި ޕްރޮޑަކްޓިވް ނޫން މުވައްޒަފުން ނުވަތަ ބޭނުމެއް ނެތް މަޤާމްތައް އުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ފަދަ މަޤާމުތައް އުވާލުމުގެ ކުރިން އެ މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް ކުންފުނީގެ އެހެން ދާއިރާތަކަށް، އިތުރަށް ބޭނުންވާ މަޤާމުތަކަށް އެ މުވައްޒަފުންގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ފަހު އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި، ތަޖުރިބާ އާއި، ލިބިފައިވާ ހުނަރަށް ބަލައި ފުރުސަތު ދެވޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވެފައި ވަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މި ވަގުތު ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ޤާބިލް ނޫން މުވައްޒަފުންގެ ކޮންޓްރެކްޓްތައް އުވާލެވޭނެ ކަމަށެވެ.
މީގެ އިތުރުން ޑިރެކްޓަރ ހިއުމަންރިސޯސް އިބްރާހިމް ރަމީޒް ވިދާޅުވެފައި ވަނީ ރީ ސްޓްރަކްޗަރިންގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އަމާޒު ހިފާފައި ވަނީ މީޑިއާ ސެންޓަރުތަކުގެ މަސައްކަތްތައް ދިރާސާކޮށް އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުން ކަމަށެވެ.
ޕީއެސްއެމްގެ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުންފުންޏަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
ޕީއެސްއެމްއަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެކެވެ. ނަމަވެސް ތަނުގައި ތިބި މުވައްޒަފުންގެ އަދަދާ ބަލާއިރު ޕީއެސްއެމް އިން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.