Advertisement
ކ. މާލެ
|
22 މެއި 2019 | ބުދަ 23:41
ޗާގޯސް އައިލެންޑް އޮންނަނީ އިނގިރޭސީންގެ އަތްދަށުގައި
ޗާގޯސް އައިލެންޑް އޮންނަނީ އިނގިރޭސީންގެ އަތްދަށުގައި
ފްރާންސް 24
ޗާގޮސް އައިލެންޑް މައްސަލަ
ޗާގޮސް އައިލެންޑް މައްސަލާގައި ނެގި ވޯޓުގައި ރާއްޖެއިން ދެކޮޅު
ރާއްޖެ ހިމެނެނީ ދެކޮޅަށް ވޯޓްދިން 6 ގައުމުގެ ތެރޭގައި
ވަކިއަތަކަށް ވޯޓް ނުދޭ 56 ގައުމު ހިމެނޭ
އައިސީޖޭއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ހުށަހެޅުމަށް ބެލުމެއްނެތި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ)އިން ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާއި ބެހޭގޮތުން އދގެ އާއްމު މަޖިލީހުގައ ނެގި ވޯޓުގައި ދެކޮޅަށް ވޯޓް ދިން ހަ ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

އައިސީޖޭއިން 25 ފެބުރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަން އޮތީ މި މައްސަލައިގައި ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާމެދު ދައުވާ ކުރާ މޮރިޝަސްއިން އެދޭ ގޮތަށެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒުކުރުމާ ބެހޭ ގޮތުން ނެގި ވޯޓުގައި އެއްކޮޅަށް 116 ވޯޓްދީފައިވާއިރު ދެކޮޅަށް ވޯޓްދީފައި ވަނީ ހަ ގައުމަކުންނެވެ. ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ.

ދެކޮޅަށް ވޯޓް ދީފައިވަނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ހަނގޭރީ، އިސްރާއީލް، އަދި އެމެރިކާ އާއި އިނގިރޭސި ވިލާތެވެ.

އެ ކޯޓުގެ އޮޕީނިއަންގައިވާ ގޮތުން މޮރިޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަކަށް ނޫނެވެ. އޭގެ ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިރު ޗާގޯސް މިނިވަންވެފައިނުވާތީއެވެ. މި ސަބަބާއެކު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ދޫކޮށްލުމަށް އައިސީޖޭގެ ލަފާގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން ދެކެމުން ދިޔައީ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮންދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސްއިން ވަނީ އެކަމަށް ދެކޮޅުހަދައި އދގެ ސެކްރެޓެރީ ޖެނެރަލަށް ރަަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

Advertisement

މޮރިޝަސްއިން އިއުތިރާޒްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ޗާގޯސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް މޮރިޝަސްއިން ވަނީ ދިވެހިރާއްޖެއަށް ގޮވާލާފައެވެ.

ރާއްޖެއިން ބުނެފައި ވަނީ މި ވޯޓަކީ އިނގިރޭސި ވިލާތާއި ނުވަތަ އެމެރިކާއާ އެއްކޮޅަށް ދީފައިވާ ވޯޓެއް ނޫން ކަމަށެެވެ. އަދި މިއީ މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓެއް ވެސް ނޫން ކަމަށެވެ.

މިއީ ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ދިން ވޯޓެއް ކަމަށެވެ.

ނިމިގެންދިޔަ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން، މިހާރުގެ ސަރުކާރަށް އިންޑިއާ ބޭނުން ނުވާ ގޮތަކަށް ވޯޓްދޭން ނުކެރޭނެ ކަމަށް ބުނެފައިވާއިރު ޚާރިޖީވަޒީރު ގެންދަވަނީ މި ސަރުކާރުން އިސްކުރާނީ ގައުމީ މަސްލަހަތުކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް