ސަކުރާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ރައްޔިތުންނަށް ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކުގެ އިސްވެރިންނަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ދެއްވި ނިއުސް ކޮންފަރެސްގައި ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ނުހުންނަނީ ރެކްރޫޓްމްންޓް އެޖެންސީތަކުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުންގެ ފެންވަރު ރަގަޅު ކުރެވޭނީ މިހާރު ޢަމަލުކުރަމުން ގެންދާ އޮނިގަނޑާއި އުސޫލުތަކަށް ހަރުދަނާ ބަދަލުތަކެއް ގެނަސްގެން ކަމަށް އެ އެޖެންސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ރާއްޖޭގެ ހެލްތު ސެކްޓަރ އަށް ބޭނުންވާ ޑަކްޓަރުންނާއި ޕެރަމެޑިކަލް ސްޓާފުން ރެކްރޫޓް ކުރުމުގައި އެޖެންސީތަކުގެ ދައުރަކީ ހެލްތު މިނިސްޓްރީ އިން ދޭ "ޖޮބް އޯޑަރ" އަށް އެ ފަރާތްތަކުގެ ތައުލީމީ ސެޓްފިކެޓް އަދި ތަޖުރިބާގެ ލިޔުންތަކާ އެކު މިނިސްޓްރީއަށް ހުށައެޅުން ކަމަށް ވާއިރު އެޖެންސީތަކުން ހުށަހަޅާ ސިވީތައް ސްކްރީންކޮށް، އިންޓަރވިއުކޮށް އަދި ޑޮކްޓަރުން ސެލެކްޓްކޮށް ހަދަނީ ހެލްތު މިނިސްޓްރީގައި އުފައްދަވާފައިވާ މެޑިކަލް ކައުންސިލުން ކަމަށް އެ އެޖެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެއްވެސް ޑޮކްޓަރަކަށް ރާއްޖޭ އާދެވޭނީ މެޑިކަލް ކައުންސިލުން ލިޔުމުން ހުއްދަ ލިބިގެން ކަމަށްވާއިރު ފެންވަރު ނުހުންނަ ޑަކަޓްރުން ރާއްޖެ އައިސްފައިވާ ނަމަ އައިސްފައިވަނީ މެޑިކަލް ކައުންސިލްގެ ނުވަތަ ހެލްތު މިނިސްޓްރީގެ އިހްމާލުން ކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެޖެންސީ މެދުވެރިނުކޮށް ރާއްޖެ ގެނައި އެތައް ޑަކްޓަރުންނެއް ފެނަވަރު ނެތުމުގެ ސަބަބުން އަނބުރާ ފޮނުވާލާފައިވާ ކަން ވެސް އެޖެންސީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.