ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރްއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމަށާއި، އަބަދުވެސް ދައުލަތުގެ މަސްލަހަތު އިސްކުރާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
އޭޖީ އެހެން ވިދާޅުވީ، ކުރީގެ ޑެޕިއުޓީ އޮޑިޓަރ ޖެނެރަލް އަދި ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގަތް މެމްބަރު އަހުމަދު އުޝާމް އަންގާރަ ދުވަހު ކުރެއްވީ ޓްވީޓަކާ ގުޅިގެންނެވެ.
ޖީއެމްއާރްއިން މީރާ އަށް ދައްކަން ޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވިންތޯ ސާފުކޮށްދެއްވަން ވާނެ ކަމަށް އުސާމް ޓްވީޓް ކުރެއްވިއެވެ.
ޖީއެމްއާރް މައްސަލާގައި އެކުންފުނީގެ ވަކީލެއްގެ ގޮތުގައި ރިއްފަތު ވަނީ މަސައްކަތްކުރައްވާފައެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް) ހިންގުމަށް 25 އަހަރު ދުވަހަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށް ބުނެ، އެއްބަސްވުން އުވާލުމުގެ ސަބަބުން ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ދައްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަންއިން ނިންމުމުން އެ ފައިސާ ވަނީ ދައްކައިފައެވެ.
އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާފައިވާ ކުންފުންޏަކަށް ވާތީވޭ ދައުލަތަށް ޓެކްސްގެ ގޮތުގައި 20.5 މިލިއަން ޑޮލަރު (316.11 މިލިއަން ރުފިޔާ) ދެއްކުމަށް އެ ކުންފުޏްނަށް ދިވެހި ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެ ފައިސާ މިހާތަނަށް ދައްކާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
އުސާމުގެ ޓްވީޓާ ގުޅިގެން ބުދަ ދުވަހު އޭޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޓާނީ ޖެނެރަލްގެ މަގާމުގައި ހުރެ ޖީއެމްއާރްއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމާފައެއް ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މަސްލަހަތު އިސްކުރާ ކަމަށާއި، އެ މަސްލަހަތަށް ފުށުއެރުމަކަށް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަބަދުވެސް މަސައްކަތްކުރައްވާނީ ޙައްގުތަކުގެ ދިފާއުގައި ކަމަށް ރިއްފަތު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްއިން ވަރަށް ބޮޑަށް ޕްރެޝަރުގެ ސަބަބުންނެވެ.
މި ވެރިކަން ބަދަލުވުމަށް ފަހު ކޯޓުން ބެލި ގިނަ މައްސަލަތަކެއްގައި ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުމުން ބަންޑާރަ ނައިބަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.