Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 02:33
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އާޓް މުބާރާތް
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުންތަކަކީ އެނާރޖީ އެފިޝަންސީ ބެޖުގެ ފަރުމާތައް

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ އިއުލާންކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމް ހަވާލު ކޮށްފިއެވެ.

ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހުމާނަކީ އެންވަޔަރަމެންޓް އެންޑް އެނާރޖީގެ މިނިސްޓަރ ޠާރިގް އިބްރާހިމެވެ.

އެންވަޔަރަމެންޓް އެންޑް އެނާރޖީގެ ފަރާތުން ފާއިތުވި 2016 ވަނަ އަހަރު ބޭއްވި މި މުބާރާތަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ހެޔޮ ގޮތުގައި ހަކަތަ ބޭނުންކުރުމުގެ އިތުރުން އިސްރާފުކުރުން ކުޑަކުރުމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ސްކައުޓް އަދި ގާލްގައިޑް ހަރަކާތްތަކުގައި އުމުރުފުރާތަކަކަށް އަމާޒުކޮށްގެން އެނާރޖީ އެފިޝަންސީ ބެޖެއް ތަޢާރަފްކޮށް މި އުމުރުފުރާތަކުގެ ސްކައުޓުންނާއި ޖާލްގައިޑުންގެ ޔުނިފޯމުގައި ހަރުކުރާނެ ބެޖުތަކުގެ ފަރުމާކުރުމެވެ. 

އުމުރުން 6 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް، ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 134 ކުރެހުމެއް ހުށަހަޅާފައި ވާއިރު، ބެޖުގެ ފަރުމާތައް ކަމުގައި ކަނޑައަޅާފައިވަނީ މީގެތެރެއިން އެއްވަނައަށް ހޮވުނު ކުރެހުންތަކެވެ.

މި މުބާރާތުގައި ފުރަތަމަ ކެޓަގަރީ (ހަ އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރާ) އިން އެއްވަނަ އަށް ހޮވިފައިވަނީ ގދ. ތިނަދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ޝައުރާ ސާމިރުގެ ކުރެހުމެވެ. ދެ ވަނަ ކެޓަގަރީން (ދިހަ އަހަރާއި އެގާރަ އަހަރާދެމެދުގެ އުމުރުފުރާއިން) އަމީނިއްޔާ ސުކޫލުގެ ދަރިވަރު ނާހިލް އިލްޔާސްގެ ކުރެހުން އެއްވަނައަށް ދިޔައިރު، ތިންވަނަ ކެޓަގަރީގައި (ބާރަ އަހަރާއި ސަތާރަ އަހަރާ ދެމެދުގެ އުމުރު ފުރާގެ) އެއްވެސް ކުރެހުމެއް ހޮވިފައި ނުވުމުގެ ސަބަބުން އެކެޓަގަރީގައި ބޭނުންކުރުމަށް ހަމަޖައްސާފައިވަނީ ބާރަ އަހަރާއި ސަތާރަ އަހަރާއި ދެމެދުގެ އުމުރުފުރާގެ ތެރެއިން އިސްކަންދަރު ސްކޫލުގެ ދަރިވަރު އީޝަލް އަހުމަދު ނަސީރު ހުށަހަޅާފައިވާ ކުރެހުމެވެ. ހަމައެއާއެކު ކެޓަގަރީ ހަތަރަކުން (އަށާރަ އަހަރާއި ފަންސަވީސް އަހަރާ ދެމެދު އުމުރުފުރާއިން) އެއްވަނައަށް ހޮވިފައިވަނީ ވިލާ އިންޓަނެޝަނަލް ހައި ސްކޫލްގެ ދަރިވަރު އަބާން މުޙައްމަދު ޒާހިރުގެ ކުރެހުމެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ޔުނައިޓެޑް އާޓްސް އޮފް މޯލްޑިވްސް ގެ ދެ ބޭފުޅަކާއި މިނިސްޓްރީގެ ފަރާތުން ބޭފުޅެއް ހިމެނޭ ޕެނަލަކުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް