އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ދެމުން ގެންދިޔަ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފިއެވެ.
އައިޖީއެމްއެޗްގެ އިމާރާތުގައި ދެމުން އައި އެތެރެ ހަށީގެ ޚާއްސަ ބަލިތަކާއި ކުޑަކުދިންގެ ޚާއްސަ ބަލިތަކުގެ އޯޕީޑީގެ ޚިދުމަތް މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. މި ޚިދުމަތް ދޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެވަނަ ފަންގި ފިލާގައެވެ.
25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ދެނީ ފިޒިއޮތެރަޕީގެ ޚިދުމަތާއި ސްޕީޗްތެރަޕީގެ ހިދުމަތެވެ.
ފިޒިއޮތެރެޕީ ޑިޕާޓްމަންޓް 4 ވަނަ ފަންގިފިލާގައި ހުންނަ އިރު ސްޕީޗް ތެރެޕީ ދެނީ އެ ހޮސްޕިޓަލުގެ 5 ވަނަ ފަންގިފިލާ އިންނެވެ.
ކުރީގެ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. އެ ތަން ހަދާފައި ވަނީ ޒަމާނީ ގިނަ ވަސީލަތްތަކާއި ސްވިމިން ޕޫލެއް ވެސް ހިމެނޭ ގޮތަށެވެ. އަދި އެ ތަނުގެ ބައެއް މެޑިކަލް ކޮލެޖަށް ވެސް ވަނީ ހާއްސަކޮށްފައެވެ.