ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް، ޔޫއެސް އަރމީ ޕެސިފިކްގެ ކޮމާންޑަރ ޖެނެރަލް ރޮބާރޓް ބީ ބްރައުންނާ ބައްދަލު ކުރައްވައިފިއެވެ.
އެމެރިކާގެ ހަވާއީގައި މިހާރު ކުރިއަށް ދާ "ލެމްޕެކް ސިމްޕޯސިއަމް އެންޑް އެގްޒިބިޝަން 2019" ގެ ތެރެއިން ޔޫއެސް އަރމީ ޕެސިފިކްގެ ކޮމާންޑަރ ޖެނެރަލް ރޮބާރޓް ބީ ބްރައުންނާ އެކު ބޭއްވެވި ބައްދަލުވުމަކީ ވަރަށް ފުރިހަމަ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ އަޝްކަރީ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ޔޫއެސް އަރމީގެ ފަރާތުން އެމްއެންޑީއެފްއަށް އިތުރު ފުރުސަތުތެއް ހޯދައިދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވެވިއެވެ.
"ލެންފެކް ސިމްޕޯސިއަމް" ގައި ބައިވެރިވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އެމެރިކާއަށް ފުރާ ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމަށް ބާއްވާ މި ސިމްޕޯޒިއަމް ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ޗީފްއޮފް ޑިފެންސް ފޯސްގެ އަރިއަހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ބައިވެރިވެ ވަޑައިގަންނަވައެވެ.