ރާއްޖޭގައި ބޯހިޔާވަހިކަން ހޯދުމަކީ އުނދަގޫ ކަމެކެވެ. މާލެ ސިޓީގައި ގިނަ މީހުން ދިރިއުޅުމަށް މަޖުބޫރުވެފައިވާއިރު މި ސިޓީން ބޯހިޔާވަހިކަން ހޯދަން ގިނަ ބަޔަކު އެކި ގޮތްގޮތުން މަސައްކަތް ކުރެއެވެ. ބޮޑެތި ލޯނުތައް ނަގާ، މައިންބަފައިންގެ ބޮޑެތި ގެދޮރު ވިއްކާލަނީ މި ސިޓީން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމުގެ މަޤްސަދުގައެވެ. ބަޔަކު ފްލެޓެއް ވިއްކިޔަސް، ކިރިޔާ ވެސް އަތް ފޯރާ އަގެއްގައި ވިއްކާ ނަމަ އެ ތަނެއް އިސާހިތަކު ވިކި ހުސްވެއެވެ. އޭގެ ނާޖާއިޒް ފައިދާ މީގެ ކުރިން ވެސް ބަޔަކު ވަނީ ނަގައިފައެވެ. ނިންމަން ބުނާ ތާރީހަށް ފްލެޓްތައް ނުނިންމުމާއި ފައިސާ އަތުލާފައި މަޝްރޫއު ނުހިންގުން ފަދަ ކަންކަމަކީ މީގެ ކުރިން ވެސް މި މާލޭގައި ތަޖުރިބާކުރަންޖެހިފައިވާ ކަންކަމެވެ.
ސީލައިފް ސްކޭމްއަކީ މި ދެންނެވި ފަދަ ވަރުގަދަ އޮޅުވާލުންގަނޑެކެވެ. ހުޅުމާލެއިން 180 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދުމަށް ކުރި މަސައްކަތްތަކުގައި މީހެއްގެ މަކަރާއި ހީލަތުގައިޖެހި މިވަނީ ބިކަވެފައެވެ. ފްލެޓް ނުލިބުނު ތާނގައި ފްލެޓް ހޯދުމަށްޓަކައި އެ މީހުން ދެއްކި ފައިސާ ވެސް ނުލިބުނެއެވެ. އެ މީހުން ދަރަނިވެރިވެގެންނާއި އެގޮތް މި ގޮތުން އެއްކުރި ފައިސާކޮޅު ގެއްލިގެން ދިޔުމުގައި ހިތާމައިގައި އުޅެމުންދާ އިރު އެ މީހުންނަށް ހިޔާނަތްތެރިވި މީހާ ދިރިއުޅެމުން ގެންދަނީ މިނިވަންކަންމަތީ އަރާމާއި އުފަލާއި އިއްޒަތުގައެވެ.
އެތައް ރައްޔިތުންނަކަށް ހުޅުމާލެއިން ފްލެޓްދޭނެ ކަމަށް ބުނެ ވައުދުވެ، ފައިސާ ނެގުމަށް ފަހު ގައުމުން ފިލައިގެން އުޅެނީ ސީލައިފްގެ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އެވެ. ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމުން އައްމަޓީ ވަނީ ރާއްޖެ އިން ބާރަށް ގޮސްފައެވެ. ކުރީގެ ސަރުކާރުގެ އިސްވެރިންނާ ގާތް ގުޅުމެއް ބާއްވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ލަންކާގައި އިސްކޮށް އުޅުނު އައްމަޓީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ. އޭގެ ފަހުން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އައްމަޓީ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ވަނީ ނެރެފައެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އައްމަޓީ ދިރިއުޅެމުން އަންނީ އަވަށްޓަރި ސްރީ ލަންކާގައެވެ. އެއީ އިންޓަޕޯލްގެ މެންބަރު ގައުމެކެވެ. ލަންކާގައިގެ ދެހިވެލާގައި އޭނާގެ އާއިލާއާ އެކު ދިރިއުޅެމުން ގެންދާއިރު، އޭނާ ރާއްޖެއަށް ނުގެނެވެންވީ ސަބަބެއް ނެތެވެ. މީގެ އިތުރުން ލަންކާގެ ބައެއް ނޫސްވެރިން ވެސް ވަނީ އެގައުމުގައި އޭނާ ދިރިއުޅެމުން ގެންދާ ކަމަށް ބުނެ، އެކަން ސަމާލުކަމަށް ގެނެސްފައެވެ.
ލަންކާގައި އައްމަޓީ މިނިވަންކަންމަތީގައި ދިރިއުޅެމުން ގެންދާއިރު ފްލެޓް ދޭނެ ކަމަށް ބުނެ އޭނާ އޮޅުވާލި ގިނަ ފަރާތްތަކުން އަންނަނީ އެ މީހުންގެ އަތުން ބީވެގެންދިޔަ ފައިސާ އާއި އިންސާފު ހޯދުމަށް ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. އެގޮތުން އައްމަޓީ ފައިސާ ނެގި އާއިލާތަކުން ވަނީ އޭނާ ހޯދުމަށް ލަންކާ އާއި އިންޑިއާގައި ޕޯސްޓަރު ހިއްޕާ، މި މައްސަލާގައި އިންސާފު ލިބުން ލަސްވާތީ އައްމަޓީ ހައްޔަރުކުރުމަށް ގޮވާލާ ހުޅުމާލޭގައި ހިނގާލުމެއް ވެސް ބާއްވާފައެވެ. މި ހިނގާލުމުގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެ މީހުންގެ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އައްމަޓީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު މި މައްސަލާގައި އެއްވެސް ކުރިއެރުމަށް ލިބިފައެއް ނުވެއެވެ. ފްލެޓް ގަތުމަށްޓަކައި އެ މީހުން އައްމަޓީއާ ފައިސާ ހަވާލުކުރިތާ މިހާރު އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެ މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، އެ މައްސަލަ ޖެނުއަރީ މަހުން ފެށިގެން އޮތީ ކޯޓުގެ "ޑިސްޕިއުޓް ރިޒޮލިއުޝަން'' މަރުހަލާގައި ކަމަށެވެ. އަދި ސަރުކާރުން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުނާނާ ވިދާޅުވީ މި މައްސާލަގައި އެޗްޑީސީގެ އިހުމާލު ވެސް އެބައޮތް ކަމަށާއި، އެޗްޑީސީއާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޑީސީން ސީލައިފްއާ މިޕްރޮޖެކްޓް ހަވާލުކުރިއިރު އިނގޭ ގާބިލުކަން ނެތްކަން. އެޗްޑީސީން ހެދި ރިޕޯޓުގައި އެކަން ފާހަގަކޮށްފަ ހަވާލުކުރީ. އެ ހުއްދަ އެޗްޑީސީން ނުދިން ނަމަ އާންމުންނަށް އެ ގެއްލުމެއް ނުދެވޭނެ. އެކަމަކު އެ ހުއްދަ ދިނީމަ އާންމުންގެ ފަރާތުން ފައިސާ ނަގަން ހުއްދަ ދިނީ. ދެން ހަމަ 50000 ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނަގާކަން ވެސް އެނގި ތިބެ އަޅާނުލާ ތިބީ. ބައެއް މީހުން އަތުން 4 ލައްކަ ރުފިޔާ ނަގާފައި އެބަހުރި. ދެން ވަރަށް ގިނަ އިހުމާލު އެބަހުރި ވެފަ،" ޝުނާނާ ވިދާޅުވިއެވެ.
މި މައްސަލާގައި އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާ ޝުނާނާ ވިދާޅުވީ ލަންކާގެ ސަރުކާރުގެ އެހީއާ އެކު އައްމަޓީ ހައްޔަރުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އޭނާ ލަންކާގައި ދިރިއުޅެމުން ދަނީ ހާމަކަންބޮޑު ގޮތެއްގައި ކަމަށެވެ.
ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހަކު ބުނީ 2016 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިންސާފު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިގުލައިގޮސް، ހިޔާނަތްތެރިވި އައްމަޓީ ފާޅުކަން ބޮޑު ގޮތެއްގައި ލަންކާގައި ދިރިއުޅެމުން ގެންދިއުމަކީ މި ސަރުކާރުގެ އިހުލާސްތެރިކަމާއި، ފުލުހުންގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ހައްޔަރުކުރަން އުޅޭ ނަމަ މިހާރު ހައްޔަރުކުރާހާ ދުވަސްވެއްޖެ. އޭނާ ދިރިއުޅޭ ގެ އިނގޭ. ލަންކާގައި ރައްޓެހިންނާ އެކު ކޮފީތަކަށް ގޮސް އުޅޭ. އޭނާ ވަރަށް މިނިވަންކަމާ އެކު ދިރިއުޅެމުން އެގެންދަނީ އަޅުގަނޑުމެންނަށް ބޮޑު ހިތްދަތިކަމެއް ދީފަ،" އެ މީހާ ބުންޏެވެ.
ސީލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް މާޗް 13، 2014ގައި ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ސީލައިފަށް ބުކިން ފީގެ ގޮތުގައި މަދުވެގެން 14 މިލިއަން ރުފިޔާ އެ ފަރާތްތަކުން ވަނީ ދައްކާފައެވެ. ބައެއް މީހުން ފްލެޓްގެ ޑައުންޕޭމަންޓް އެކުގައި ދައްކާފައިވާއިރު، 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސީ ލައިފް އަށް އެކި މީހުން ދައްކާފައިވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.
ކުރީގެ ރައީސް ޔާމީންއާ ގާތްގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވިފައިވާ އައްމަޓީއަކީ ލަންކާގައި ވެސް ނުފޫޒުގަދަ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އައްމަޓީ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެ މީޑިއާތަކުގެ ހެޑްލައިންތަކަށް އެރުވުމަކުން ނުފުދެއެވެ. އޭނާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ހައްޤުވާ އަދަބު އެބަ ދެވެން ޖެހެއެވެ. މީގެ ކުރިން ވެސް ތުހުމަތުކުރެވޭ ބައެއް މީހުންގެ ގިރުވާނުގައި ހިފައިގެން ފުލުހުން ވަނީ ލަންކާ އިން ރާއްޖެ ގެނެސްފައެވެ. އެހެންކަމުން އެތައް ބައެއްގެ ހައްގަށް އަަރައިގެންފައި ހުރި މީހަކު ހާމަކަން ބޮޑު ގޮތެއްގައި އުފަލާއި އަރާމާ އެކު އުޅުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. އިނގިރޭސި ހަރު ބަހެއްގައި އޮންނަ ގޮތުން އިންސާފު ލިބުން ލަސްވެގެން ދިއުމަކީ އިންސާފު ނުލިބުމެވެ. އެހެންކަމުން މި މީހުންނަށް ވީ އެންމެ އަވަހަށް އިންސާފު ހޯދައިދީ، ކަމާބެހޭ އެންމެހާ މުއައްސަސާތަކުން މި މައްސަލަ "ހަލުވި" ސްޕީޑެއްގައި އެބަ ބަލަން ޖެހެއެވެ.