ބ. މާޅޮހަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އާ ޖަނަރޭޓަރެއް ލިބޭނެ ކަމަށް އެރަށު ކައުންސިލުގެ މެންބަރު އަބޫބަކުރު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބޫބަކުރު ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާޅޮހަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ވެފައިވާ ކަމަށާއި ނަމަވެސް އެއީ ވަގުތީ ހައްލެއް ކަމަށް ފެނަކައިގެ އިންޖިނިއަރުން ވިދާޅުވެފައި ވާކަމަށެވެ.
ރަމަޟާން މަހުގެ ކުރިން މާޅޮހަށް ފެނަކައިގެ އެމްޑީ ވަޑައިގެން ކަރަންޓްގެ މައްސަ ހައްލުކުރުމަށް ޖަނެރޭޓަރެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައި ވާކަމަށާއި ކުރިއަށް އޮތް ހަތަރު ފަސް ދުވަސް ތެރޭގައި 250 ކިލޯ ވޯޓާއި 300 ކިލޯވޯޓްގެ ޖަނަރޭޓަރެއް ލިބޭނެ ކަމަށް އިންޖިނިއަރު ވިދާޅުވެފައިވާ ކަމަށް އަބޫބަކުރު ވިދާޅުވިއެވެ.
މާޅޮހުގެ ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ދޭއް ނުވަތަ ތިން އޭސީ ހުންނަ ކަމަށާއި އަދި އެރަށުގެ ގޭބިސީތަކުގެ 80 އިންސައްތަ މީހުން ބޯން ވެސް ބޭނުން ކުރާނީ އެ ރަށުގައި އުފައްދާ ފެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ވެސް ބޭނުން ކުރަނީ ރަށުގައި އުފައްދާ ފެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވެސް ރަށުގައި ހަތަރު ގެސްޓް ހައުސް ހުންނަ އިރު މިއަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު ގެސްޓް ހައުސް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބޫބަކުރު ވިދާޅުވީ ކަރަންޓްގެ މައްސަލަ ދިމާވަނީ ޖަނަރޭޓަރުތައް ބާވެ ރަށުގެ ހުރިހާ ބޭނުންތަކަކަށް ބޭނުންވާ ވަރަށް ކަރަންޓް ފޯރުކޮށް ނުދޭތީ ކަމަށެވެ. މާޅޮހުގައި ތިން ޖަނަރޭޓަރު ހުރެއެވެ.
މާޅޮހުގެ އާބާދީއަކީ 725 މީހުން ކަމަށް ވާއިރު ރަށުގައި ދިރިއުޅެނީ 560 މީހުން ކަން ފާހަގަ ކޮށްލެވެއެވެ. ރަށުގެ އަންހެން ވެރިން މައިގަނޑު ގޮތެއްގައި ކޮށް އުޅޭ މައިގަނޑު މަސައްކަތަކީ ފަން ވިނުމުގެ މަސައްކަތެވެ. ރަށުގެ ޒުވާނުން އެކި ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.