ސ. ފޭދޫ އިން ފުރައިގެން ދިޔަ މުދާ އުފުލާ ދޯންޏެއްގައި ތިބި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުން ގެންދާ ތަމްރީންތަކުގެ ތެރެއިން އަތުލަތް ގަތް ބިދޭސީންނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ދޯނީގައި އެއްވެސް ދިވެއްސަކު ނެތް ކަމަށާއި، ދޯނީގެ ނަންވެސް ޖަހާފައި ނެތް ކަމަށެވެ. އަދި ދޯނީގެ ނަން އެނގޭ މީހަކު ވެސް އެ ދޯނީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދޯނި ހުއްޓުވުމަށް ފަހު ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ދޯނިން ދަތުރުކުރި އެއްވެސް މީހެއްގެ ވޯކް ޕާރމިޓް ނެތް ކަމަށާއި، ދޯނި މިހާރު އޮތީ ފޭދޫ ބަނދަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސ. ހުޅުމީދޫ ފެނަކައަށް ގެންދިޔަ 6000 ލީޓަރުގެ ޑީސަލް އެ ދޯނީގައި ހުރި ކަމަށާއި، މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ފުލުހުންނާއި އެމްއެންޑީއެފުން މިވަގުތު ކުރިއަށްގެންދަނީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި އަދި މަލްޓި އޭޖެންސީ ކޯރޑިނޭޝަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށްޓަކައި ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.