އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމަށް ވަގުތީ މެނޭޖަރަކު ހަމަޖައްސަވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ހިތަދޫ ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމަށް ހަވާލުކޮށްފައި ވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަހްމަދު ވަހީދުއާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުން ވަހީދުއާ ހަވާލުކޮށްފައިވަނީ، ހިތަދޫ ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި ނިޔާވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
ހިތަދޫ ހޮސްޕިޓަލަށް އާ މެނޭޖަރެއް ހަމަޖައްސާފައި ވަނީ، އާ ސަރުކާރާ އެކު ވެސް އައްޑޫ ސިޓީގެ ސިއްހީ ނިޒާމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ، އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.