ހުޅުމާލެ ބީޗް ސަރަހައްދު ވިޔަފާރިއަށް ދޫކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ، ގިނަ ކަންތައްތަކެއް އިސްލާހްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި އުސޫލުން ބޭނުން ކުރަމުންދާ މައްސަލަ ބެލުމަށް ފަހު، އޭސީސީންް އާންމުކުރި ބަޔާނުގައިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމުންނަށް ހުޅުވާލުމަށް އެޗްޑީސީއަށް އަންގައިފަ އެވެ. އެގޮތުން މައްސަލަ ބެލުމަށްފަހު އޭސީސީން، އެޗްޑީސީއަށް އެންގި އެންގުމުގައި ބުނެފައިވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދަކީ އެއްވެސް ފަރާތަކަށް ބޭނުންކުރުމަށް ދީފައިވާ ސަރަހައްދެއް ނޫން ކަމަށް އެ ކޯޕަރޭޝަނުންވެސް ބުނާއިރު، އެއްވެސް ފަރާތަކަށް ދީފައި ނުވާނަމަ އެތަން އާންމުކޮށް ބޭނުންކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާކަމަށެވެ. އަދި އަލުން އެތަން ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމުމުގައި ވަކި ބަޔަކަށް އެކަމަށް ހުއްދައަށް އެދެވޭ ގޮތަށް އޮތުމަކީ، ވަކި ބަޔަކަށް އެކަމުން މަންފާއެއް ހޯދައިދިނުން ކަމަށް ބެލެވިދާނެ ކަމަށާއި، އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނީ އަލުން ހުއްދަ ދިނުމުގައި ވެސް އެތަން ވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ ދިންކަމުގައި ވިޔަސް އެއްވެސް ކުށްޔަކަށް ނުވާގޮތަށް އެތަން ދިނުމަކީ ޢަދުލުވެރި އަދި އިންސާފުވެރިގޮތެއް ނޫން ކަމަށާއި، އަދި ކުށްޔަށް ދިނުމުގައި އެކަން ރެގިއުލޭޓް ކުރެވޭނެ އުސޫލެއްގެ ތެރެއިން ކުށްޔަށް ދިނުމަށް އަންގާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އާންމުކޮށް އިއުލާނުކޮށްގެން އެކަންކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭގެއިތުރުން ހުޅުމާލޭ ބީޗް ސަރަޙައްދު ވިޔަފާރީގެ ބޭނުމަށް ބޭނުން ކުރުމަށް ހުއްދަދޭނަމަ، އެކަމަށް ހަރުދަނާ އުޞޫލެއް އެކުލަވާލައި އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެންގިފައިވާ ކަމަށާއި އެފަދަ އުޞޫލު އެކުލަވާލާއިރު، ބީޗް ސަރަޙައްދަކީ ޢާންމުން ބޭނުން ކުރާ ތަނެއް ކަމަށް ދެކި، ޢާންމުންނަށް ވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނޭގޮތަށް އެޞޫލް އެކުލަވާލުމަށް ވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އާންމުކޮށް ބޭނުންކުރަމުންދަނީ އެ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ރެސްޓޯރަންޓް ވިޔަފާރި ކުރުމަށްކަން ފާހަގަކޮށް އޭސީސީ ބުނީ، ކޮމިޝަނަށް ލިބިފައިވާ ބައެއް ޝަކުވާ ތަކުގައި ބައެއް ގެސްޓްހައުސްތަކުން އެ ގެސްޓްހައުސްއެއްގެ ކުރިމަތީގައިވާ ބީޗް ސަރަހައްދު ގެސްޓްހައުސްގެ ވެރިފަރާތް ނޫން އެހެން އަމިއްލަ ފަރާތަކަށް ކުށްޔަށްދީގެން ނަފާ ހޯދާކަމަށް ތުޙުމަތުކޮށްފައިވާތީ، އެކަމަކީ ޤާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ކަމަށް ނުވާ ކަމަށެވެ. އަދި އެކަން ވެސް ބަލައި ފިޔަވަޅު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފަައިވާ ކަމަށް އޭސީސީން ބުންޏެވެ.
މައްސަލަ ބެލުމަށް ފަހު އޭސީސީން، އެޗްޑީސީއަށް އެންގި އެންގުމުގައި އިތުރަށް ބުނެފައިވަނީ ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު ދިނުމުގައި، އެކަމަކީ ވަގުތީ ގޮތުން ކުށްޔަށް ދޭ ދިނުމެއް ކަމަށް ވީނަމަވެސް، މައްސަލައިގައި މިހާތަނަށް ކަންތައް ވެފައިވާގޮތަށް ބަލާއިރު، އަދިވެސް ބައެއް ފަރާތްތަކުން އެޗްޑީސީ އިން އެންމެފަހުން ޢަމަލުކުރަން ނިންމި އުސޫލުތަކަށް އަދި ވެސް ބޯނުލަނބާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން އެކަމަށް އެކަށީގެންވާ ފަދަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ވަކި ބަޔަކު އެންގުމަށް ބޯނުލެނބުމުން، އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ތުޙުމަތުކުރެވިދާނެކަމެއް ކަމަށެވެ. އެއީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއް ކަމަށްވާތީ، އެކަން ސީރިޔަސް މައްސަލައެއްގޮތުގައި ދެކި، ކަނޑައެޅިފައިވާ ފިޔަވަޅުތައް އެ ފަރާތްތަކާމެދު އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފައިވާކަމަށް ވެސް އޭސީސީން ބުންޏެވެ.