ޖަޕާނުގެ ބައިސްކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޜަން ފައުންޑޭޝަންގެ ފަރާތުން ބައިކް މޯލްޑިވްސް އަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ކެއިނޯ ޔަނާއި ވިދާޅުވެއްޖެއެވެ.
އެކަމަނަ އެހެން ވިދާޅުވީ، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ އަރިހަށް އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންގާރަ ދުވަހު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ގާއިމުވެފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވަނީ އަލިއަޅުއްވާލާފައެވެ.
އެކި ދާއިރާތަކުން ދެގައުމުގެ ދޭތެރޭގައި ބަދަހިވެފައިވާ ގުޅުންތަކާއި ބެހޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ.
އެގޮތުން ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އުމްރާނީ ތަރައްގީއާ އެއްވަރަށް އިޖުތިމާއީ ދުޅަހެޔޮ ކަމާއި، މުނިފޫހި ފިލުވުމުގެ ދާއިރާވެސް ކުރިއަރުވަންޖެހޭކަން ޖަޕާންގެ ސަފީރު ފާހަގަ ކުރެއްވިއެވެ.
ޖަޕާނުގެ "ބައިސިކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޜަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ހާމަކުރެއްވިއެވެ.
އަދި އޭގެ އިތުރުންވެސް އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކަރާޓީގެ ޕްރޮގްރާމްތައް ހިންގުމަށާއި، އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް އަމާޒުކޮށްގެން ރާއްޖޭގެ ފެތުންތެރިން ތަމްރީނު ކުރުމަށްވެސް ޖަޕާނުން ޝައުގުވެރިކަން ހުރިކަން ސަފީރު ހާމަ ކުރެއްވިއެވެ.
ޖަޕާނު ސަރުކާރުގެ ހުށަހެޅުއްވުން ތަކަށް މަރުހަބާ ކިޔުއްވަމުން ފަޒްނާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެކަމަށެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި ސްކޫލް ދަރިވަރުން ކުޅިވަރާއެކު ކުރިއަށް ދިއުމަކީ އިޖުތިމާއީ މުހިންމު ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަަގަކުރެއްވިއެވެ.