ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަނދެ އަނިޔާކުރި މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަންގާރަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާއަށް އަނިޔާކުރި މީހުން ދެނެގަނެވިފައި ވާކަމަށާއި ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
އުމުރުން 50 އަހަރުގެ މި އަންހެންމީހާ ފޭދޫ މަގުބައްތިއެއްގެ ހޮޅިދަނޑީގައި ބަނދެފައި ހުއްޓާ ފެނުނީ މޭމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފޭދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި އަންހެން މީހާއަކީ މީހަކާއިވެސް އިނދެގެން އުޅޭ ފަސް ދަރިންގެ މަންމައެކެވެ. އަދި އޭނާގެ ބައެއް ކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށް ވެސް މައުލޫމާތު ދެއެވެ.
މި މައްސަލަޔާ ގުޅިގެން މިނިސްޓަރ ޝީދާތާ ވިދާޅުވެފައި ވަނީ ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާތަކެއް ލިބި ރިޕޯޓް ލިބުމާ އެކު އެ އަންހެން މީހާ އަށް ބޭނުންވާ ރައްކާތެރިކަން ސަރުކާރުން ފޯރުކޮށް ދީފައިވާ ކަމަށެވެ. އަދި އެ އަމަލް ހިންގި މީހުން ހޯދާ ދައުލަތުގެ ކުރިމައްޗަށް ގެންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.