ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރާގައި ގއ. ވިލިނގިލީގައި ފެންބޮޑުވެ، ބައެއް ގެއަށް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަންގާރަ ދުވަހުގެ މެންދުރު ފަހުން ފެށިގެން އެ ރަށަށް ހުއްޓުމެއް ނެތި ވެހުނު ވާރޭގައި ރަށުގައި ފެންބޮޑުވެ، 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށާއި ތިން ގެއެއް ދިރިނޫޅޭވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ރަށުގެ އާންމު ހާލަތަށް ބުރޫއަރާފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ސަރަހައްދުތަކަށް ނަޖިސް ބޭރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށެވެ.
ވިލިނގިލީގައި ފެން ހިންދުމުގެ މަސައްކަތްކޮށްފައި ވަނީ އެ ރަށު ކައުންސިލާއި ރެޑް ކްރެސެންޓްގެ އިތުރުން ފުލުހުން ގުޅިގެންނެވެ.
ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީގެ ޕްރޮޖެކްޓް ޑިރެކްޓަރ އަދި މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ ވިލިނގިއްޔާއި މާމެންދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ ދެ ރަށުގެ ހާލަތު ކައިރިން މޮނީޓާ ކުރަމުންދާ ކަމަށް ހިސާން ވިދާޅުވިއެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގުރުރުމާ އެކު ވޯކޮށް ވާރޭ ވެހެމުންދަނީ ލ. އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީއަށެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ފެށުމުގެ ކުރިން ކުރާ ވިއްސާރައެކެވެ.