އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން އެކަށީގެންވާ ފަރުވާ ނުދެވި ނިޔާވި ތުއްތު ކުއްޖާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވަސް ނުފުރާ ވިހެއި އެ ކުއްޖާ ވިހެއުމާ އެކު ނޭވާލުމުގެ މައްސަލަތަކެއް ހުރުމުން އެ ކުއްޖާއަށް ބޭބީ އިންކިއުބޭޓަރެއްގައި ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އިންކިއުބޭޓަރެއް ނެތުމުން ކުއްޖާއަށް ވަނީ އެކަށީގެންވާ ފަރުވާ ނުދެވިފައެވެ.
އެ ކުއްޖާ ނިޔާވެފައި ވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އާދީއްތަ ދުވަހުއެވެ.
އެ ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވޭތޯ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވީ މި ފަދަ ހާދިސާއެއް ކުރިމަތިވެއްޖެ ނަމަ މިނިސްޓްރީން އަބަދުވެސް ބަލާނެ ކަމަށާއި، މިފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިނިސްޓްރީއަށް ހުޅަށަހަޅާފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ތުއްތު ކުދިން ނޭވާލުމަށް އެހީތެރިވެދޭ އިންކިއުބޭޓަރެއް ނެތުމުން ފަރުވާ ނުދެވި ލަސްވުމާ ގުޅިގެން ނިޔާވީ ސ. މަރަދޫ ފޭދޫ، މޭރީ ވިއު، ޢާއިޝަތު އީވް އިމްރާނެވެ.
އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުން ފާޅުކުރަމުންނެވެ. އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ޚިދުމަތް ނުލިބޭ ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ދަނީ ބުންނަމުންނެވެ. ރައްޔިތުން ނުކުމެ ހޮސްޕިޓަލް ބަންދު ކުރުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އައްޑޫގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކަށް ޓާޝަރީ ހޮސްޕިޓަލް ހުޅުވުމުން ހައްލު ލިބޭނެ ކަމަށެވެ. އަދި މިއަހަރުގެ މެދު ތެރެއިން ހޮސްޕިޓަލް ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.