ކ. މާލެ
|
21 މެއި 2019 | އަންގާރަ 13:16
ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކު
ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކު
ލަންކާގައި ހައްޔަރުކުރި ދިވެހިން
ލަންކާގައި ހައްޔަރުކޮށްފައި ތިބި ދެ ދިވެހިން ދޫކޮށްލައިފި
އެ މީހުން ހައްޔަރުކުރީ 26 އެޕްރީލްގައި

ލަންކާގައި ހައްޔަރުކޮށްފައި ތިބި ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކު ދޫކޮށްލައިފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާއަށް ފަހު، ސްރީލަންކާ ސަރުކާރުން ހިންގި ޚާއްސަ އޮޕަރޭޝަންގެ ތެރޭގައެވެ. އެ މީހުން ހައްޔަރުކުރީ 26 އެޕްރީލްގައެވެ.

އެ މީހުން ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ތިންފަހަރު ވަނީ އިތުރުކޮށްފައެވެ. އަންގާރަދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމަށް ފަހު، އެ މީހުން ވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ލަންކާގައި ހައްޔަރުކޮށްފައި ތިބި ދެ މީހުން ދޫކޮށްލާފައި މި ވަނީ ،ލަންކާގެ މަސްރަހާ ގުޅޭ ގޮތުންނާއި އެޤައުމުގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން އެ ގައުމުގެ ޚާރިޖީ ވަޒީރަށް، ހޯމަ ދުވަހު ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގުޅުއްވައި މަޝްވަރާކޮށްފައި ވަނިކޮށެވެ.

ސްރީ ލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެއާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާއާ ފޯނުން ގުޅުއްވައި، ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ސްރީލަންކާ އަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

- ކޮމެންޓް