އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ ގާތިލުން މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ތިން މީހަކަށް ދައުވާކޮށްފައިވެއެވެ. އެއީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއުއެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 7 ވަނަ ދުވަހު މައިމޫނާއި މުހުޖަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި އަލީ މުޝައްފާއުގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން އެ ދެ މީހުން މެރުމަށް ކޮށްފައިވާ ހުކުމްވާ ގޮތުން މުހީތުގެ ހުރިހާ ވާރިސުން ބޭނުންވަނީ ގާތިލުންގެ ފުށުން ޤިޞާޞް (މަރަށް މަރު) ހިފުމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަރަށް މަރު ހިފުމަށް ހުކުމް ކުރާ ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.
މުހީތުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ވެސް ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކުށްފައިވާއިރު އޭގެ ތެރެއިން ދެ މީހަކު މެރުމަށް އެ ކޯޓުން ހުކުމް ކޮށްފައި ވެއެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.