މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ތިން މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި އަދި 25 އަހަރުގެ އަންހެނެއް ކަމަށެވެ.
ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މެއި 18 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، އެ ފްލެޓުގެ ވެރިފަރާތުގެ ހުއްދައާ އެކު އެ ފްލެޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން މީހުންނަށް ވެސް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.