ގިނަ މަޝްރޫއުތަކަކަށް ބިދޭސީން ގެނެސް ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާފައިވުމާއި، އަދި އެ މައްސަލަތަކުގައި ހިއުމަން ޓްރެފިކިން (ވަގުފާރި )އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އިމިގްރޭޝަނުން 24 ކުންފުންޏެއްގެ މައްސަލަ ޕޮލިހަށް ހުށައަޅައިފިއެވެ.
އަންގާރަ ދުވަހު އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެތަނުން ދިރާސާ ކުރި 67 ކުންފުންޏެއްގެ ތެރެއިން 24 ކުންފުންޏެއްގެ މައްސަލަ ތަހުގީގު ކުރުމަށް އާދިއްތަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެ މައްސަލަތައް ތަހުގީގު ކުރުމަށް ފޮނުވަނީ އެ ވުޒާރާއަށް ލިބެން ހުރި ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކާއި އެކު ކަމަށެވެ. އެގޮތުން 24 ކުންފުނީގެ އިސްވެރިންނާއި، ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލް ވެފައިވާކަމަށް ބެލެވޭ އެންމެހާ ފަރުދުންގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
އޭގެ އިތުރުން މައްސަލަތަކުގެ ތަހުގީގު ނިންމެންދެން، 24 ކުންފުނީގެ ހިއްސާދަރުންނާއި، މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ތަކުގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓާއި ހިއްސާ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.