ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 72 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީ ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ވާރލްޑް ހެލްތު އެސެމްބްލީ"ގެ 72 ވަނަ ބައްދަލުވުން ސްވިޒްލޭންޑްގެ ޖެނީވާގައި ހޯމަ ދުވަހު ފެށިގެން ކުރިއަށްދާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިއަހަރުގެ ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ޤައުމުން ބައިވެރިވެރިވެފައިވާ ކަމަށެވެ. އަދި މި މަހުގެ 20 ން 28 އަށް ކުރިއަށްދާ މި ބައްދަލުވުމުކީ ދުނިޔޭގެ ސިއްޙީ ދާއިރާގެ އެންމެ މަތީ ވެރިންނާއި އަދި އެދާއިރާގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ސިއްޙަތާ ބެހޭ އެންމެ މުހިންމު ބައްދަލުވުން ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަހަރުގެ މިބައްދަލުވުމުގައި ރާއްޖެ ތަމްޞީލު ކުރާ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓްރު އަބްދުﷲ އަމީނެވެ.
މީގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެލައްވާފައެވެ. އަދި މިއަހަރުގެ ހެލްތު އެސެމްބްލީގެ ކޮމިޓީ ބީގެ ވައިސް ޗެއަރމަންކަން މިނިސްޓަރު އަމީން އަދާކުރައްވާނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ބައްދަލުވުމުގައި ޤައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަޤުރީރު ކުރެއްވުމަށް ޚާއްސަ ކުރެވިފައިވާ މައުޟޫއަށް މިނިސްޓްރު އަމީން އަމީން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަހަރު ޤައުމުތަކުގެ ވަފުދުގެ އިސްބޭފުޅުން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ މައުޟޫއަކީ ''ޔުނިވަރސަލް ހެލްތް ކޮވަރޭޖް: ލީވިން ނޯވަން ބިހައިޑް'' އެވެ.
ހެލްތު މިނިސްޓްރީން ބުނީ ހެލްތު އެސެމްބްލީ ކުރިއަށްދާއިރު، ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްގެން 2 ސައިޑް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިސައިޑް އިވެންޓްތަކުގައި މަޝްވަރާކުރެވޭނީ މައުޟޫއަކީ ސާޖަރީގެ ޚިދުމަތްތައް ރައްކާތެރިގޮތުގައި ފޯރުކޮށްދިނުމާ ބެހޭގޮތުންނާއި ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސިއްޚަތަށް ކުރާ އަސްރުތަކާ ގުޅޭގޮތުން ކަމަށެވެ. މިދެއިވެންޓްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ އާއި ސްޓޮޕް ޓީބީ، ގްލޯބަލް ފަންޑް، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރަންޓްސް ފަދަ ޞިއްޙަތާއި ގުޅުންހުރި ޖަމިއްޔާތަކާއިއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާއި ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް"ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއެޅުމުގެ މަޤްސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. 19 މެއި ގައި ބޭއްވުނު މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފްދުންވެސް ވަނީ ބައިވެރިވެފައެވެ.