އިރާނުގެ ބޯޓަކުން އަތުލައިގަތް 50 ކިލޯގެ މަސްތުވާތަކެއްޗާއި، ގދ. އަތޮޅުގެ ފަޅު ރަށަކުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅުމެއްވާކަން ތަހުޤީޤަށް އަދި ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގދ. ގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ހުލުވާރޮލު އިން ވަނީ 149 ކިލޯގެ މަސްތުވަތާކެތި އަތުލައިގަނެފަ އެވެ. އެ މަސްތުވާތަކެތި ހުރީ އެ ރަށުގައި ވަޅުލާފަ އެވެ. އަދި ވަޅުލުމަށް ފަހުގައި އޭގެ މައްޗަށް ހިކި ފަތްތަކެއް އަޅައި، އެ ތަކެތި ހުރީ ފޮރުވާފަ އެވެ.
އޭގެ އިތުރުން ފުލުހުންނާއި، އެމްއެންޑީއެފުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އިރާނުގެ ބޯޓަކުން 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. ފުލުހުން ބުނީ، އިރާނުގެ އެ ބޯޓު ބަލައި ފާސްކުރިއިރު، އިތުރު މަސްތުވާތަކެތި ރައްކާކުރާނެ ޖާގަތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަށް ވުރެ އިތުރު މަސްތުވާތަކެތި އެ ބޯޓުގައި އުފުލި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ގދ. އިން ފެނުނު މަސްތުވާތަކެއްޗާއި، އިރާނުގެ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ވޭތޯ ސުވާލުކުރުމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަހުމަދު ޝާކިރު ވިދާޅުވީ ދެ މައްސަލާގައި ވެސް ގުޅުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެ ދެ މައްސަލައަކީ އެއް މައްސަލައެއްކަން ސާބިތުވާވަރުގެ ހެކިތަކެއް އަދި ލިބިފައިނުވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ގދ. އަތޮޅުގެ ފަޅު ރަށަކުން އަތުލައިގަތް މަސްތުވާތަކެތި އެތެރެކުރީ ކޮންގޮތަކަށްތޯ އާއި، އެކަމުގެ ބޮޑަކަށް ހުރި މީހަކު ހައްޔަރުކުރެވިފައިވޭތޯ ސުވާލުކުރުމުން ޝާކިރު ވިދާޅުވީ އެއީ ކިހިނެއް އެތެރެކުރި މަސްތުވާތަކެއްޗެއް ކަމަށް އަދި ބުންނަން ނޭނގޭ ކަމަށެވެ. އަދި އެކަންކަން އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށް ޝާކިރު ވިދާޅުވި އެވެ.
ތަހުޤީޤް ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ކޭސްތަކަކކަށް ވާތީވެ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފަހަރުގަ ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް އެ ދެ މައްސަލާގައި (އިރާނުގެ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާއި، ގދ. ގެ ފަޅުރަށަކުން އަތުލައިގަތް މަސްތުވާތަކެތި) ގުޅުމެއް އޮތް ކަމަށް މިހާތަނަށް އަދި ފާހަގައެއް ނުކުރެވޭ.
ހުލުވަރޮލުގެ މައްސަލައިގައި ޖުމްލަ ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ވެއެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަން ފެށުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 150 މޭލު ބޭރުން މަސްތުވާތަކެއްޗާ އެކު ލޯންޗެއް ދަތުރު ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުުނު ހިސާބުންކަމަށެވެ.