މުރަނގަ ގަހާއި މުރަނގަ ތޮޅީގެ އިތުރުން މުރަނގަ ފަތަކީ ދިވެހިންގެ ތެރޭގައި އާ އެއްޗެއް ނޫނެވެ. މިއީ އެންމެން ވެސް ކާނާގެ ތަފާތު ބާވަތްތައް ތައްޔާރު ކޮށްގެން ކާއެއްޗެކެވެ.
މުރަނގަފަތް އާންމުކޮށް ކައި އުޅެނީ ސަޓަނި ހަދައިގެންނާއި ތެލުލައިގެންނެވެ. ނަމަވެސް މުރަނގަފަތަކީ މި ދެންނެވި ތަކެތީގެ އިތުރުން ވަރަށް ޚާއްސަ ކެއުމުގެ ބާވަތެއް ތައްޔާރު ކުރާ އެއްޗެކެވެ. އެއީ މުރަނގަ ބަތެވެ.
މުރަނގަ ބަތް ޚާއްސަ ވަނީ ނ. ވެލިދުއަށެވެ. ވެލިދޫގެ ކުދިބޮޑު އެންމެންގެ މެދުގައި މުރަނގަބަތަކީ ވަރަށް މީރު އަދި މަޖާކޮށްލުމުގެ ގޮތުން ވެސް ކައްކައިގެން ކައި އެއްޗެކެވެ.
އެ ރަށުގެ ހަރުފުރައިގެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު ވެލިދޫގައި ވެސް މި ބަތް ކައްކަން ވެސް އެނގެނީ ނިސްބަތުން މަދު މީހަކަށެވެ. އެގޮތުން އުމުރުން ދުވަސްވެފައިވާ ނުވަތަ ހަރު ފުރައިގެ މީހުން ކެއްކުމުން ނޫނީ ބަތުގައި ލާންވާ އަސްލު ރަހަ ނުލާ ކަމަށް މިބަތް ކައި އުޅޭ މިޒަމާނުގެ ކުދިން ވެސް ބުނެ އުޅެއެވެ.
މުރަނގަ ބަތް ޚާއްސަ ވަނީ އެއްގޮތަށް ވުރެން ގިނަ ގޮތްގޮތުންނެވެ.
ފުރަތަމަ ކަމަކަށް މުރަނގަ ބަތަކީ ހަމަ އެކަނި ގޭގައި އުޅޭ މީހުން ކާލަން ކައްކާ އެއްޗެއް ނޫނެވެ. އަދި އާއިލީ މީހުން އެއްތަން ވެލުމަށް ވެސް ކައްކާ އެއްޗެއް ނޫނެވެ. އެ އަށް ވުރެން ބޮޑަށް މުރަނގަބަތް ކައްކާ އުޅެނީ ތަންގަނޑު މީހުން ނުވަތަ ހިސާބުގަނޑުގެ މީހުން އެއްތަނަކަށް އެއްވެ، މީރު ދިވެހި ކެއުމެއް ކާލުމުގެ ބޭނުމުގައެވެ. މި ބަތް ހާއްސަ ވަނީ ބޮޑެތި ޖާފަތްތަކަށެވެ.
މި ބާތުގެ ޚާއްސަ އަނެއް ސިފަޔަކީ މިބަތް ރިހާކުރު ނޫން އެހެން އެއްޗަކާ އެކު ނުކާ ކަމެވެ. މިބަތް ކެއުމަށްޓަކައި ފުރަތަމަ ވެސް ހޯދަންޖެހޭ އެއްޗަކީ ރިހާކުރެވެ. އޭގެ އިތުރުން ލޮނުމިރުހާއި ލުނބޮޔަކީ މިބަތް ކެއުމުގައި ރަހަ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ހިމަނަން ޖެހޭ އެއްޗެއެއްސެވެ.
ދުވަސްވީ މީހުން ބުނާ ގޮތުގައި ފުރަތަމަ ކޮންމެ ވެސް އެއްގެއަކުން ނުވަތަ ކޮންމެވެސް އެކަކު އެކަމަށް އިސްނަގާ އެއް ދުވަސް ކުރިން ޕްލޭން ކުރެއެވެ.
މުރަނގަ ބަތަކީ ވަރަށް ގިނަ އިން ފަތް ބޭނުންވާ އެއްޗަކަށް ވުމުން ބަތް ކައްކަން ކަނޑައަޅާފައިވާ ދުވަހު ހިސާބުގަނޑު ހުރިހާ ގެއެއްގައި ވެސް ހެނދުނުގެ ސައިގެ ކަންކަން ވަރަށް އަވަހަށް ނިންމާލައެވެ. ދެން ދެވެން ތިބި ބަޔަކު ދަނީ ފަތް ހޯދުމަށެވެ. އެގޮތުން ތިމާގެ މީހުންގެ ގޭގެއިންނާއި ރަހުމަތް ތެރިންގެ ގޭގޭގެ އިތުރުން ދެކެފަރިތަ މީހެއްގެ ގެއެއްގައި ވެސް މުރަނގަ ގަހެއް ހުރި ނަމަ އެގަހެއް ހުސްކޮށްލައެވެ. އެންމެން ވެގެން ފަތް ނޮޅަން އިށީނދެ ފަތް ނޮޅާ ނިމޭއިރު ވެސް ހުންނަނީ މެންދުރު ވެފައެވެ.
ދެން ކޮންމެ ގެއަކުން ވެސް އެ ގެއެއްގައި މީހުން ތިބޭ ނިސްބަތަކުން ހަނޑޫ ގެންދާނީ ބަތް ކެއްކުމަށް ކަނޑައަޅާ ގެއަކަށެވެ. ބަތް ކެއްކުމަށް ފަހު އެ މީހަކު ހަނޑޫ ދިން މިނަކުން ބަތް ބެހުމުން ބައެއް މީހުން ބަތް ހިފައިގެން ގޮސް ގޭގެ ކުދިވެރިންނަށް ކާންދިނުމަށް ފަހު ހުރިހާ އަންހެން ވެރިން އެއް ތަނެއްގައި ތިބެ މަޖާ ނަގަމުން މުރަނގަ ބަތަށް އިންސާފްކުރާ މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ.
މުރަނގަ ބަތަކީ މަޖަލަށް ކާލަން ކައްކާ އެއްޗެއްގެ އިތުރުން މިކަމުގެ ސަބަބުން އިޖްތިމާއި ގޮތުން ވެސް ވަރަށް ބޮޑު ފައިދާއެއް ކުރެއެވެ. އެގޮތުން އެކި ކަންކަމުގައި ދޭދޭ މީހުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުން ފިލާ ދިއުމުގެ އިތުރުން އަވަށްޓެރިންގެ މެދުގައި ޖެހިފައިވާ ކޫސަނި މައްސަލަތައް ވެސް ހައްލުވެގެން ދެއެވެ.
މީގެ އިތުރުން ވެސް ހިސާބުގަނޑުގެ މީހުންގެ މެދުގައި ޖެހޭ ދޭދޭ މައްސަލަތަކާއި ރުޅިވެރިކަން ވެސް ފިލައިގެން ގޮސް އެންމެންގެ މެދުގައި އެއްބައިވަންތަކަން އުފެދިގެންދާ ކަމަކަށް މުރަނގަބަތް ކެއްކުން ވެއެވެ.