ފުލުހުންނަށް ހުރަސްއެޅުމުގެ ގޮތުން ގޭގޭގެ ސެކިއުރިޓީ ވަރުގަދަކޮށް، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިއާ އެކު ހުރިހާ ހިދުމަތެއް ދެމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަހުމަދު ޝާކިރު ވިދާޅުވީ ފުލުހުން ކުރިއަށް ގެންދިޔަ އޮޮޕަރޭޝަންތަކެއްގައި މާލޭގެ ތިން ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރަމުންދަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތިން ގެ ބަލާ ފާސްކުރި އިރު އެ ގެތަކުގައި ހަމައެކަނި މަސްތުވާތަކެތި ވިއްކުމުގެ ބަދަލުގައި، އެއާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ދެމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.
އެގޮތުން މަސްތުވާތަކެތި ވިއްކުމަށް ފަހު، އެ ބޭނުންކުރާނެ ގޮތާއި، އެ ބޭނުންކުރާނެ ތަނާއި އެއްޗެހި ތައްޔާރުކޮށްފައި ހުންނަ ކަމަށާއި، އެ ގެތަކުގެ ތެރޭގައި ހުރިހާ ކަމެއް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ހުންނަކަން ފާހަގަކުރެވިފައި ވާކަމަށް ޝާކިރު ވިދާޅުވި އެވެ. އަދި ފުޅާ ދާއިރާއެއްގައި މާލޭގައި އެ ވިޔަފާރިކުރަމުން ދާއިރު، އެ ގޭގެޔަށް ފުލުހުން ވަނުމަށް ހުރަސް އެޅުމުގެ ގޮތުން، ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުންނަ ކަމަށް ޝާކިރު ވިދާޅުވި އެވެ. އެގޮތުން ފުލުހުން ރެއިޑްކުރި ތިން ގޭގައި ވެސް އެގޮތަށް ދަގަނޑު ފިލާ ހަރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ޝާކިރު ވިދާޅުވި އެވެ.
ނަމަވެސް ދަންނަވާލަން ބޭނުންވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެ ސެކިއުރިޓީ ބްރީޗްކުރުމަށްޓަކައި ކުރަންޖެހުނު އެންމެހައި މަސައްކަތްތަކެއް ކުރަމުންގެންދާނެކަން.
ފުލުހުން ވަނީ 2019 ވަނަ އަހަރު ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން 22 ގެއެއް ބަލާ ފާސްކޮށްފަ އެވެ. އަދި 3482 މީހަކު ހުއްޓުވައި ސުވާލުކޮށްފައި ވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މަސްތުގެ ހާލުގައި ހުރި 345 މީހަކު ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި ޕެޑަލްކުރުމުގެ މައްސަލަތަކުގައި ޖުމްލަ 394 މީހަކު ހައްޔަރުކޮށްފައި ވެެއެވެ. އޭގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 111 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައެވެ.