އައްޑޫ ސިޓީގައި 24 ގަނޑިއިރު ވިޔަފާރިކުރަން ހުއްދަދޭ ސަރަހައްދުތައް, މި ހަފްތާ ތެރޭގައި ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަނޑިއިރު ވިޔަފާރި ކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދެވޭނީ ، މިނިސްޓްރީން 24 ގަނޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުން ކަމަށެވެ. މިނިސްޓްރީން ބުނީ ސަރަހައްދުތައް ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އެ ސަރަހައްދެއްގެ އާބާދީގެ ނިސްބަތާއި، ބޮޑެތި މާރޓްތައް ހުންނަ ސަރަހައްދުތައް ކަމަށެވެ.
އައްޑޫގައި 24 ގަނޑިއިރު ވިޔަފާރި ކުރަން ހުއްދައަށް އެދެން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ސައުވީސް ގަނޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށައަޅާ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާންޖެހެއެވެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަނަވާނެއެވެ.
މާލޭގައި ސައުވީސް ގަޑިއިރުގެ ވިޔަފާރިކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ 14 ތަނަކަށް ހުއްދަ ދީފައެވެ.