19ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އެމްޑީޕީން އަދިވެސް ހުޅުވާލާފައިނުވަނީ ގާނޫނީ ގޮތުން ހުރަސްތަކެއް އޮތުމުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މަޖިލިސްގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރި މެމްބަރުންނަށް އެކަމަށް އެދި ފުރުސަތު ހުޅުވާލާނީ ކޮންއިރަކުންތޯ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމަށް ހުޅުވާލާނެ ތާރީޚެއް ނިންމުމަށް ފަހު، ޕާޓީން އިއުލާންކުރާނެ ކަމަށެވެ.
ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 19 ވަނަ މަޖިލިސް ހުވާކުރުމުގެ ކުރިން، އެ ފުރުސަތު އެމްޑީޕީއަކަށް މިވަގުތު ހުޅުވާލެވޭކަށް ނެތެވެ. އެއީ އެކަމަށް ގާނޫނީ ހުރަސްތަކެއް އޮތް ކަމަށް ގާނޫނީ ޓީމުން ލަފާ ދިނުމުންނެވެ.
މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެވޭނީ މަޖިލިސް މެމްބަރަކަށް ވުމުގެ ގާނޫނީ ހުވާ ކުރުމަށްފަހުގައި ކަމަށް، އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ޕާޓީއަށް ލަފާދީފައެވެ. އެހެންކަމުން މަޖިލިސް ހުވާކުރާ ޖަލްސާ ބޭއްވުމުގެ ކުރިން، މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ހުރި އެމްޑީޕީގެ މެމްބަރުންނަށް، ޕާޓީއިން އެ ފުރުސަތު ހުޅުވާލުމަށް ޖާގަ ނެތް ގާނޫނީޓީމުން ބުނެއެވެ.
19 ވަނަ މަޖިލިސް ހުވާ ކުރާ ޖަލްސާ އޮތީ މެއި މަހުގެ 28 ވަނަ ދުވަހުގެ ރޭ 9.30 ގައެވެ.
މީގެ ކުރިން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ. މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މަޖިލިސްގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފަސް ފަރާތަކުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.
ފަސް މެމްބަރުންގެ ތެރެއިން މަޖިލިސް ރައީސް ކަމުގެ ރޭހުގައި އެންމެ ވާދަވެރިކަން ބޮޑީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ މެމްބަރު ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މެދުގައެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު "ލޮބީ" ކުރައްވަމުން ގެންދަވަނީ ހަސަން އަފީފަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ރައީސް ގެންދަވަނީ ކުރައްވަމުންނެވެ.
ރައީސް ނަޝީދު ގެންދަވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައީސް ކަމަށް ގެންނަން މަސައްކަތް ކުރައްވަމުންނެވެ. ރައީސް ސޯލިހެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ގެންދަވަނީ އަސްލަމް ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.