ބޮއިން 737 މެކްސް މަރުކާގެ ފްލައިޓްތަކުގައި އުދުހޭ ޕައިލެޓުން ތަމްރީނުކުރަން ބޭނުންކުރާ ފްލައިޓް ސިމިއުލޭޓަރު ސޮފްޓްވެއަރގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިގެން، އެ މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް ބޮއިން ކުންފުނިން ހާމަކޮށްފިއެވެ.
ބޮއިން ކުންފުނިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 737 މެކްސް މަރުކާގެ ފްލައިޓްތަކުގެ ސިމިއުލޭޓަރ ސޮފްޓްވެއަރގައި ހުރި މައްސަލަތައް ދެނެގަނެ، ހައްލުކުރުމަށް ފަހު، ސިމިއުލޭޓަރަށް އައި ބަދަލުތައް ސިމިއުލޭޓަރ ޑިވައިސް އޮޕަރޭޓްކުރާ ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދީފައިވާނެ ކަމަށެވެ. ސިމިއުލޭޓަރ ތަކަށް، ވެއްޓުނު 737 މަރުކާގެ ފްލައިޓްތަކަށް ދިމާވި ބައެއް ހާލަތްތައް ނަކަލު ނުކުރެވޭ ކަމަށް ބޮއިންއިން އިއުތިރާފުވެފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ވެއްޓުނު ލަޔަން އެއަރގެ މަތިންދާބޯޓާއި މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވެއްޓުނު އޮތިއޯޕިއަން އެއަރލައިންސްގެ މަތިންދާބޯޓުތައް ވެއްޓެން ދިމާވީ ދާދި އެއް ސަބަބުތަކާއި ހުރެގެން ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. މި ދެ ހާދިސާގައި 346 މީހުން މަރުވެފައިވާއިރު، އިތިއޯޕިއަންސް އެއަރލައިންގެ މަތިންދާބޯޓު ވެއްޓުނު ފަހުން 737 މަރުކާގެ މަތިންދާބޯޓުތައް ވަނީ ގްރައުންޑް ކޮށްފައެވެ. ދެ ފްލައިޓް ވެސް ވެއްޓެން ދިމާވީ "އެމްސީއޭއެސް އެންޓައި-ސްޓޯލް ސޮފްޓްވެއަރ" އަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އެ މައްސަލަތައް ފާހަގަކުރެވިފައި ވަނީ ކޮން އިރަކުކަމާއި، އެ މައުލޫމާތު ރެގިއުލޭޓަރުންނަށް ފޯރުކޮށްދީފައިވާ އިރެއް، ބޮއިން ކުންފުނީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. މިއީ ވެއްޓުނު މަތިންދާބޯޓުތަކުގެ ސޮފްޓްވެއަރގައި މައްސަލަ ހުރި ކަމަށް ބޮއިން ކުންފުނިން އިއުތިރާފުވީ ފުރަތަމަ ފަހަރެވެ.
އިތިއޯޕިއަން އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއަށް ފަހު ގްރައުންޑް ކޮށްފައި ހުރި 737 މެކްސް މަރުކާގެ ފްލައިޓްތައް އަލުން އުދުހެން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް އެމެރިކާގެ އެއަރލައިން އޮޕްރޭޓަރުން ހާމަކޮށްފައިވެއެވެ. 737 މެކްސް މަރުކާގެ ފްލައިޓްތަކަށް ދެން އުދުހެވޭނީ އެމެރިކާ އަދި ބައިނަލްއަގްވާމީ ރެގިއުލޭޓަރުންގެ ހުއްދަ ލިބުމުންނެވެ.