Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 20:15
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ --
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ --
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
2023 ވަނަ އަހަރުގެ އަމާޒަކީ ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަންކުރުން ކަމަށް އަދުރޭ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދިވެހިރާއްޖޭ ވެރިކަން ދިގު މުއްދަތަކަށް ކުރެއްވޭނެ ގޮތަށް ގާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައް 2018ގެ އިންތިހާބަށް ފަހު ގެންނަވާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

 

ސިވިލް ސާރވިސް މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި، މަޖުބޫރު ކޮށްގެން ޕީޕީއެމަށް ސޮއި ކުރުވަމުންދާ ކަމަށް ބުނެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށާއި އެކަން ހުއްޓުވުމަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ދެން އޭގެ ފަހުން ބޭއްވޭ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލަދުގަންނަވަރުގެ އަދި ދެން ރިޔާސީ އިންތިހާބެއްގައި ވާދަކުރަން ކެރިވަޑައިނުގަންނަވާ ވަރުގެ ތަފާތު ބޮޑު ނަތީޖާއަކުން ކަމަށެވެ.

 

"އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތައް ބަލި ކޮށްލާފަ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބުކޮށް، ދެން މިގައުމުގައި ސިޔާސީ އެހެން ވާދަވެރިންނަށް ކުރިއަށް އޮތްތާނގައި ވެރިކަމަށް ވާދަކުރަން ނުކެރޭވަރުގެ ނަތީޖާއެއް 2018ގަ އަޅުގަނޑުމެން ނެރެ ދައްކާނަން. އެހާހިސާބުން ދެން 2023 އާދިމާލަށް އަޅުގަނޑުމެން އަމާޒުކުރަނީ ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަންކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

ގާނޫނަށް ބަދަލު ގެންނަ ވާހަކަ އަބްދުއްރަހީމް ވިދާޅުވިއިރު، ގެންވާނީ ކޮންކޮން ބަދަލުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ވެރިކަމުގެ ފަސް އަހަރުގެ ދެ ދައުރު އުވާލަނީ ކަމެއް ނުވަތަ އުމުރު ދުވަހު ވެރިކަމުގެ ހުންނެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަނީ ކަމެއް އަބްދުއްރަހީމްގެ ވާހަކައިން ސާފެއް ނުވެއެވެ.

 

އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު، ގާނޫނުއަސާސީގައި ބުނެފައިވަނީ އެއްވެސް މީހަކަށް ވެރިކަން ކުރެވޭނީ ގިނަވެގެން ރިޔާސީ ދެ ދައުރު ކަމަށެވެ. ރިޔާސީ ދައުރަނީ ފަސް އަހަރެވެ.

 

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ. އެހެންކަމުން 2018 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ހަމަވާނެ އެވެ. އަދި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމަނިކުފާނު ކާމިޔާބު ކުރައްވައިފި ނަމަ އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރު 2023 ވަނަ އަހަރު ނިމޭނެ އެވެ. އެހެންކަމުން އެއީ އެމަނިކުފާނަށް ގާނޫނުއަސާސީން ލިބިދޭ ވެރިކަމުގެ ދެ ދައުރު ފުރިހަމަކޮށް ނިމުމެވެ. އެހެންކަމުން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިހާރު އޮތް ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިބިވަޑައެއް ނުގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް