ޗިކުންގުންޔާގެ ޖެހިގެން ކުޑަ ދެ ކުއްޖަކު ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ، މަދިރި ހަފައިގެން ޗިކުންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ ފަރުދާ ދެމުން އަންނަ ކަމަށެވެ.
މަދިރި ހެފުމުން ރައްކާތެރިވެ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަނުން ވެސް ދުރުވުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހާލު ސީރިއަސްވެ ފަރުވާ ދެމުންދާ ދެކުދިންނަށް ހެޔޮދުއާ ކޮށްދިނުމަށް އެދިވަޑައިގަތެވެ.
ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާ ގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނައަހަރުއެވެ. އަދި އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯރޓް ކުރެވިފައި ވީ ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 846 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތާފާސް ހިސާބުތަކުން ދައްކައެވެ.
މާޗު މަހާ އަޅާ ބަލާ އިރު އޭޕްރީލް މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.