ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 17:52
ޕީޕީއެމްއާ ޕީއެންސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމްއާ ޕީއެންސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީގެ ހިޔާނަތް
އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ސޯލިހު ނެންގެވިކަން ބުނެ އަދުރޭ އާއި އާރިފް ހެއްދެވީ ދޮގެއް ކަމަށް އެއްބަސްވެވަޑައިގެންފި
ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށް ބުނެފައިވޭ
ފައިސާ ބެހި ވާހަކަ އަޑުއިވުނީ މަޖިލީހުގެ ތެރެއިން
ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުދެއްކުމަށް އޭސީސީން އިލްތިމާސްކުރެއްވި

ޕީޕީއެމާއި ޕީއެންސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ފައިސާތަކާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެއްބަސްވެ ވަޑައިގެންފި އެވެ.

ފެބްރުއަރީ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް އެމްޑީޕީގެ މެންބަރުންނަށް ލިބުނު ކަމަށާއި، އެ މެންބަރުން އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ އެސީސީން ތަހުގީގު ކުރުމަށް ފަހު އަބްދުއްރަހީމާއި އާރިފްގެ ނަން ހާމަނުކޮށް އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މަޖިލީހުގެ ދެ މެންބަރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެ ދެ މެންބަރު އެ ކޮމިޝަނަށް ހާޞިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

އެސީސީން ބުނީ ދެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ތަހުގީގަށް އޭގެ ތެރެއިން އެއް ފަރާތުން ދީފައިވާ ބަޔާނުގައި، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށް ކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމެއް ވެސް އެ ފަރާތަށް ނޭނގޭ ކަމަށާއި، އެއީ ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އާންމުކޮށް ސިޔާސީ މަޝްރަހުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ހަގީގަތް ބަލައިގެން ނޫން ކަމަށާއި ސިޔާސީ ގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާ ބެހި ވާހަކަ އެ މެމްބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނު ކަމެއް ފާހަގަކުރިކަމެއް ބުނެދޭން ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް އެސީސީގައި ބަޔާނުގައި ވެއެވެ.

އެސީސީގެ ތަހުގީގަށް ހާޒިރުކުރެވުނު ދެވަނަ ފަރާތާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ވެސް ލިބުނު ކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތަށް އެނގޭ ކަމަށް ދޭހަވާ މޭރުމުން ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ ސިޔާސީގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކައަކީ އެކިއެކި މީޑިޔާތަކުގަ އާއި އެކިއެކި މަރުޙަލާތަކުގައި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އޭނާ ދައްކާފައިވާ ވާކަތަކެއް ކަމަށާއި، އެއްވެސް މީހަކަށް އެ ފައިސާ ލިބުނު ކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑު ނާހާ ކަމަށެވެ.

އެސީސީން ބުނީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެސީސީއަށް ޙާޒިރު ކުރެވުނު ބައެއް ފަރާތަކުން ދައްކާފައިވާ ވާހަކަތަކަށް އިޝާރާތްކޮށް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ، އެކަށީގެންވާ މިންވަރަށް މައުލޫމާތު ހޯދުމެއް ނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދައްކާ ކަމަށެވެ. މިފަދަ ކޮންމެ މައްސަލައެއްގެ ތަހުގީގަށް އެ ފަރާތްތަކުން ޙާޒިރުކުރުމުން މިކޮމިޝަނަށް ދިފައިވާ މައުލޫމާތުތަކުން އެވާހަކަތައް ދައްކާފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމާއި އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިޔަށް ގެންދެވޭވަރަށް މައުލޫމާތު ދީފައިނުވާކަން ކަމަށް ވެސް ބަޔާނުގައި ބުނެފައެވެ.

ރައްޔިތުންގެ އިތުބާރު ހިފޭ މިފަދަ މަގާތަކުގައި ތިބޭ ފަރާތަކުން ދައްކާ ވާހަކަތަކީ ވަކި ބައެއްގެ މަސްލަހަތު ހިމާތަތްކުރުމަށް އަދި ސިޔާސީ ގޮތުން ވަކި ފާއިދާއެއް ޙާސިލްކުރުމަށް ދައްކާ ވާހަތަކަކަށް ނުހެދުމަށާއި ޒިންމާދާރުކަމާ އެކު ވާހަކަތައް ދެއްކުމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ނުދެއްކުމަށް ވެސް އެސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް
18 މެއި 2019 | ހޮނިހިރު 17:59
ދޮގުހެދިޔަސް
ދޮގުހެދިޔަސް އަދުރޭމެންނައް އެޅޭނެ އެވެސް ފިޔަވަޅެއްނޯންނާނެ!