Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 18:45
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު --
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު --
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
އެ ގަރާރު މަޖިލީހުން ބޭރުކޮށްލީ 38 މެމްބަރުންގެ އަޣްލަބިއްޔަތުން
އެގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެމްބަރުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށް ވަނަ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރުމަށް ފަހު، އެ ގަރާރު މަޖިލީޙަށް ބަލައިގަތުމަށް ނުފެންނަ ކަމަށް ފާސްކޮށްފައިވަނީ 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެމްބަރުން ތިއްބެވި އެވެ.

އެގޮތަށް ފާސްވުމާއެކު އެ ގަރާރު ވަނީ ބާޠިލް ކަމަށް ނިންމާ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

އެގަރާރަކީ ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕީއެމް ފެކްޝަނުގެ އިސްވެރިން ނުފޫޒު ބޭނުންކޮށްގެން، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމަށް ސޮއިކުރުވަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހަޅާފައިވާ ގަރާރެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު، މަޖިލީހަށް އެގަރާރު ހުށަހަޅަފައިވާއިރު، ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މަޖިލިސް މެމްބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ މާލޭގައި ހުރި އެކިއެކި އޮފީސްތަކާއި ކުންފުނިތާއި އަދި މަގުމަށްޗަށް ނިކުމެވަޑައިގެން ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ސޮއި ހޯދުމަށް މަސަކަތް ކުރައްވާފަ އެވެ.

ޕީޕީއެމުން ވަނީ އެޕާޓީއަށް 150،000 މެމްބަރުން ހަމަކުރުމަށް ކެމްޕެއިނެއް ހިންގަން ފަށާފަ އެވެ.

ފަލާހު ހުށަހެޅުއްވި އެގަރާރަށް ބަހުސް ކުރައްވަމުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މަޖުބޫރު ކޮށްގެން ޕީޕީއެމަށް މީހުން ވައްދަމުން ނުދާ ކަމަށާއި ރައްޔިތުން ޕީޕީއެމަށް ސޮއިކުރަނީ ހިތުން ރުހުމުން ކަމަށެވެ. އަދި ޕީޕީއެމަށް ގިނަ އަދަދެއް ރައްޔިތުން ކޮންމެ ދުވަހުކު ވެސް ވަންނަމުންދާ ކަމަށާއި އެއީ މަޖުބޫރުކޮށްގެން، ނުވަތަ މަޖުބޫރު ވެގެން ނޫން ކަމަށެވެ. އަދި މިފަދަ ގަރާރުތައް އެމްޑީޕީން މަޖިލީހަށް ހުށަހަޅަނީ "ހަޖަމް" ނުވެގެން ކަމަށް ވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންނާއި އެގަރާރަށް ތާއިދުކުރައްވާ ވަހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ސަރުކާރުން ފެއިލްވެ، ރައްޔިތުންގެ ތާއީދު ނެތުމުން މަޖުބޫރު ކޮށްގެން ރައްޔިތުން ޕީޕީއެމަށް ވެއްދިނަމަވެސް ރައްޔިތުންނަށް ހަގީގަތް އެނގޭ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މިނިވަންކަމެއް ނެތް ކަމަށާއި ސަރުޚާރުގެ އަޅުންގެ ގޮތުގައި ރައްޔިތުންގެ ބޭނުން ހިފަމުންދަނީ ސަރުކާރާކަށް އެހެން ގޮތެއް ނެތިގެން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް