ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 12:43
ސިވިލް ކޯޓު
ސިވިލް ކޯޓު
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ސިސިލްފަރުން ހުށައެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
ސިސިލްފަރުން އެމައްސަލަ ކޯޓަށް ހުށައެޅީ މިމަހުގެ 14 ވަނަ ދުވަހު

މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހު 11 ޖަހާއިރު ފެށުމަށް ސިވިލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެމައްސަލަ ޝަރީއަތާއި ހަމައަށް ދިޔައީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލެއް ނުލިބުމުންނެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ވަނީ ބާއްވާފައެވެ. އެ ދުވަހު ދައުލަތަށް ދިން ޖަވާބުދާރީ ވުމުގެ ފުރުސަތުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ މައްސަލާގައި ޖަވާބުދާރީވެވޭނީ އަދި އިތުރު މައުލޫމާތު ލިބިގެން ކަމަށެވެ.

މިމަހުގެ 14 ވަނަ ދުވަހު ސިސިލްފަރުން ކޯޓަށް ހުށައެޅި އެމައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ގައި ސިސިލްފަރުގެ ގާނޫނީ ވަކީލު ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ކުންފުނީގެ ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކުންފުންޏަކީ 35 އަހަރު ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ގްރޫޕެއް ކަމަށެވެ. ނަމަވެސް ސިސިލްފަރުގެ ތަޖުރިބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށް އެ ކުންފުނިން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ ސިސިލްފަރުން މައްސަލަ ހުށައެޅިއިރު ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައިވާ ކަމަށާއި އެތަފްސީލުތައް ކުންފުނިތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ނޫސްވެރިން މެދުވެރިކޮށް ޕޮއިންޓްދިން އުސޫލު އާންމު ކޮށްފައިވާނެ ކަމަށާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް އޮތްނަމަ ކުންފުނިތަކުން އެދުމުން އެކަން ކުންފުނިތަކަށް އެމިނިސްޓްރީން ބުނެދޭނެ ކަމަށް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ އެމިނިސްޓްރީން ބަލާފައި ވާނީ ކުންފުނީގެ ތަޖުރިބާއަށް ނޫން ކަމަށާއި ކުންފުނިން ތަޖުރިބާގެ ގޮތުގައި ހުށައެޅި މީހުންގެ ތަޖުރިބާއަށް ކަމަށެވެ. އެގޮތުން ތަޖުރިބާގެ ގޮތުގައި މާކްސް ދީފައި ވަނީ ފަސް ކެޓަގަރީއަކަށް ބަހައިގެން ކަމަށް ޝާފިއު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހައްޖަށް ގެންދާ ކުންފުނިތައް ކަނޑައަޅައި އެކުންފުނިތަކާއި އެކު ސޮއި ވެސް ކޮށްފައެވެ.

- ކޮމެންޓް